ރައީސް ޑރ. މުހައްމަދު މުއިއްޒަށް ތައުރީފްކޮށް, މި ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރަކަށް ދާދިފަހަކާ ޖެހެންދެން ހުންނެވި ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޝަހީދު ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރަން ނިންމުމުން ގިނަ ފާޑުކިޔުންތަކެއް އަމާޒުވެ, އެންމެ ފަހުން އެ މައްސަލަ ކޯޓަށް ހުށަހަޅައިފި އެވެ.
ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވި ދެ މަގާމަށް ގިނަ އަދަދެއްގެ ފަނޑިޔާރުން ކުރިމަތިލާފައި ވަނިކޮށް އެ މަގާމަށް އައްޔަންކުރަން ޖޭއެސްސީން އިއްޔެ ނިންމީ ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ފަހަކާ ޖެހެންދެން ހުންނެވި މުހައްމަދު ޝަހީދު އާއި ކުރީގެ ގާޒީ އަބްދުﷲ ޖަމީލް މޫސާ އެވެ.
ޝަހީދަކީ ޕީޕީއެމް/ޕީއެންސީގެ ގިނަ ހަރަކާތްތަކުގައި އިސްކޮށް ބައިވެރިވި ބޭފުޅެކެވެ. އަދި ރައީސް މުއިއްޒާއި އޭނާއެކު ހުރި ފޮޓޯތައް ވެސް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
އެކަމާ ގުޅިގެން ގިނަ ފާޑުކިޔުންތަކެއް ސޯޝަލް މީޑިއާގައި އަމާޒުވެފައި ވާއިރު, ޝަހީދު ހައި ކޯޓަށް އައްޔަންކުރުން ހުއްޓުވަން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ ހައި ކޯޓަށް ކުރިމަތިލެއްވި ވަކީލް އަހުމަދު ނައުޝާދެވެ.
އެ މައްސަލަ ނިމެންދެން ހައި ކޯޓަށް ފަނޑިޔާރުން އައްޔަންކުރުން ހުއްޓުވަން އެ މައްސަލާގައި އެދިފައިވެ އެވެ.