އައްޑޫ ސިޓީގައި ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި މާރާމާރީއެއްގައި އެކެއްގެ ހާލު ސީރިއަސްވެގެން ހޮސްޕިޓަލްގައި ފަރުވާ ދޭން ފަށައިފި އެވެ.

ފުލުހުން މިއަދު ބުނީ ހިތަދޫގައި ދެ ގްރޫޕެއް ދެމެދުގައި މާރާމާރީއެއް ހިނގާފައިވާ ކަމުގެ މައުލޫމާތު ރޭގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން ޒަހަމްވެފައި ވަނީ 30 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ. އެ މީހާ އަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

"މީހާގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވޭ،" ފުލުހުން ބުންޏެވެ.

މި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރު ނުކުރާ އިރު، މައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ.