މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މައްސަލައާ ގުޅިގެން މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ އިސްމާއިލް އިފްހާމް މުޙައްމަދު (ޕެސްޓު)ގެ މައްޗަށް ކުރި ދައުވާތައް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފި އެވެ.

އެ މައްސަލަ ބަލައިގަތުމާ މެދު ހައިކޯޓުން އަދި ގޮތެއް ނިންމައިފައެއް ނުވެ އެވެ.

ޕެސްޓް ހައްޔަރުކޮށްފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު އެވެ.

ޕެސްޓްގެ މައްޗަށް ދައުލަތުން ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އާއި ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާގެ އިތުރުން ކެނަބިސް ބޭނުންކުރުމުގެ ދައުވާ އާއި ކުށްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާ އަތުގައި ބެހެއްޓުމުގެ ދައުވާކޮށްފަ އެވެ.

އެ މައްސަލައިގައި މިދިޔަ އޮގަސްޓު މަހުގެ 24 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ހުކުމް ކުރީ ޕެސްޓު ހިމެނޭހެން ދެން ދައުވާ ކުރި، ހަތަރު މީހުންގެ މައްޗަށް ވެސް ދައުވާތައް ސާބިތުނުވާ ކަމަށެވެ.

ފުލުހުން ބުނެފައިވާ ގޮތުން ޕެސްޓް ހައްޔަރުކުރި އިރު އޭނާގެ އަތުން ވެސް މަސްތުވާތަކެތި ފެނުނެވެ. އޭނާގެ ޖީބުގައި އޮތް ވޮލެޓުގެ ތެރެއިން މަސްތުވާތަކެތި އަޅާފައިހުރި ހަތަރު ޕެކެޓް ފެނުނު ނަމަވެސް އެ ތަކެތި ޓްރެފިކިންގެ މިންގަނޑަށް ނާރާ ކަމަށް ކްރިމިނަލް ކޯޓުގައި މައްސަލަ ބެއްލެވި ގާޒީ ހުސައިން ފާއިޒް ރަޝާދު ވިދާޅުވި އެވެ.

ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ފެނުނު އެ މައްސަލައިގައި އެންމެ ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވަނީ ޕެސްޓާއި އޭނާގެ އެކުވެރިން އުޅުނު ކަމަށް ބުނާ އެޕާޓްމެންޓުންނެވެ.

މަސްތުވާތަކެތި ޓްރެފިކް ކުރިކަމަށް ޕެސްޓްގެ މައްޗަށް ކުރާ ތުހުމަތަށް އޭނާ ދެކޮޅު ހަދާއިރު، އޭނާގެ ވަކީލުން ބުނެފައިވަނީ އެ މައްސަލައިގައި ޕެސްޓްއާ ގުޅުވައިދޭ ރަނގަޅު ހެކި ވެސް ނެތް ކަމަށެވެ.