ކުރީގެ ރައީސް ޔާމީން ހުންނަވައިގެން އުފައްދަން މަސައްކަތްކުރާ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދުމަށް ބޭނުންވާ ފޯމްތައް އަންނަ ބުރާސްފަތި ދުވަހު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ޕާޓީން ބުނެފި އެވެ.
ޕާޓީ އުފެއްދުމުގެ ހުއްދަ ދިނުމާއެކު ޕީއެންއެފުން ދަނީ އެ ޕާޓީއަށް މެމްބަރުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
ޕީއެންއެފް އުފެއްދުމުގައި އިސްކޮށް އުޅުއްވާ ކުރީގެ މިނިސްޓަރު މަލީހު ޖަމާލު ވިދާޅުވީ ފޯމުތައް ޗެކްކުރުމުގެ ކަންކަން ނިމިއްޖެ ނަމަ ބުރާސްފަތި ދުވަހު އިލެކްޝަނަށް ފޯމު ހުށަހަޅަން ތައްޔާރުވަމުން އަންނަ ކަމަށެވެ.
"މާލެ އާއި އަތޮޅު ތެރޭ ރަށް ރަށުން ޕީއެންއެފްއަށް ސޮއެކުރެއްވި ބޭފުޅުންގެ ފޯމުތައް ވީހާ އަވަހަކަށް ޕާޓީ އޮފީހަށް ފޮނުވައިދެއްވުން އެދެން. ޗެކްކުރުމުގެ ކަންކަން ނިމޭ ކަމަށް ވާނަމަ ބުރާސްފަތި ދުވަހު އިލެކްޝަނަށް ފޯމު ހުށަހަޅަން ތައްޔާރު ވަމުންދާ ވާހަކަ ދަންނަވަން،" ކުރީގެ މިނިސްޓަރު މަލީހު ވިދާޅުވި އެވެ.
ޕާޓީ އުފެއްދުމުގެ ހުއްދަ ދިނުމާއެކު ޕީއެންއެފުން ދަނީ އެ ޕާޓީއަށް މެމްބަރުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހު ބަދަލުކޮށްލާނެ ކަމަށް ވަރަށް ގިނަ ބަޔަކު ބުނަމުންދާ ޕީއެންއެފް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދިނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ. ޕާޓީގެ މުއައްސިސްގެ ގޮތުގައި ހުށަހަޅާފައި ވަނީ ޔާމީންގެ ދަރިކަލުން ޒެއިން ޔާމީން އެވެ.
ޒޭންގެ އިތުރުން އެ ޕާޓީ އުފެއްދެވުމުގައި އިސްކޮށް މަސައްކަތް ކުރައްވަނީ ޔާމީނާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ އިތުރުން ކުރީގެ ވަޒީރު މުހައްމަދު މަލީހް ޖަމާލާއި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދާއި ކުރީގެ ޗީފް އޮފް ސްޓާފް އަހުމަދު މުސްތަފާ އާއި އަދްލީ އިސްމާއީލް އާއި ޑރ. ޖިހާދު ހަސަން އަދި ކަކާގޭ އަލީ އާދަމެވެ.
ރައީސް ޔާމީން އައު ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފެއްޓެވީ، ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ އިސް ބޭފުޅުންނާއި ރައީސް ޔާމީނާއި ދެމެދު އުފެދުނު މައްސަލަތަކެއްގަ އެވެ.