މި ސަރުކާރުން ފެނަކަ ކޯޕަރޭޝަންގެ އެއްވެސް މުވައްޒަފަކު އަދި މިހާތަނަށް ވަޒީފާ އިން ވަކިކޮށްފައި ނުވާނެ ކަމަށާއި ވަޒީފާއިން ވަކި ވަމުން އަންނަނީ ކޮންޓްރެކްޓް އުސޫލުން ވަޒީފާއަށް ނަގާފައި ތިބި މުވައްޒަފުން ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ބައެއް މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ފެނަކާގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު ވިދާޅުވީ ކޮންޓްރެކްޓްގެ މުއްދަތު ހަމަވާއިރު، އެ ސައިޓެއްގައި ކުރާނެ މަސައްކަތެއް ނެތް ނަމަ އެ މުވައްޒަފެއްގެ ކޮންޓްރެކްޓް މުއްދަތު އިތުރު ނުކުރާ ކަމަށެވެ.

"މިސާލަކަށް އިންޖީނުގެއެއް އެޅުމަށް ކޮންޓްރެކްޓަށް ނަގާފައި ތިބި މުވައްޒަފުން، އެމީހުން އެ އިންޖީނުގެ އަޅާ ނިމުނީމަ ދެން އަލުން ކޮންޓްރެކްޓް އާ ކުރާނީ ކިހިނެއްތޯ؟" މުއާޒު ވިދާޅުވި އެވެ.

"ހުރިހާ" އަށް މައުލޫމާތު ދެއްވަމުން ފެނަކަ އޮފިޝަލަކު ވިދާޅުވީ ފެނަކަ އިން މުވައްޒަފުންތަކެއް ވަކިކޮށްފައިވާ ކަމަށް ބުނެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅާފައި ވަނީ ހަގީގީ މައުލޫމާތުތަކެއްގެ މައްޗަށް ނޫން ކަމަށެވެ.

ފެނަކައަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު އެންމެ ގިނަ މުވައްޒަފުން ތިބި ކުންފުންޏެވެ. އެ ކުންފުނީގައި 7،300 މުވައްޒަފުން އެބަ ތިއްބެވެ.

ފެނަކައިގައި މަސައްކަތް ކުރާ މުވައްޒަފުން ވަކިކުރަމުންދާ އަޑު ގަދަވެފައި ވަނިކޮށް މިއަދު މަޖިލީހަށް ވަނީ އިދިކޮޅު އެމްޑީޕީގެ ފަރާތުން ކުއްލި މައްސަލައެއް ވެސް ހުށަހަޅައިފަ އެވެ. ކުއްލި މައްސަލައަށް ވާހަކަ ދައްކަވަމުން އެމްޑީޕީ މެމްބަރުން ވަނީ ފެނަކަ މުވައްޒަފުން ވަކިކުރާ ނަމަ ވަޒީރުންނަށް ރުހުން ނުދޭނެ ކަމަށް ބުނެ ސަރުކާރަށް އިންޒާރު ދީފަ އެވެ.