މިދިޔަ އާދިއްތަ ދުވަހު އައްޑޫ ސިޓީ ހިތަދޫގައި ގްރޫޕަކުން ގެއަކަށް ވަދެ މީހެއްގެ ގަޔަށް ވަޅި ހެރި މައްސަލައިގައި ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހައްޔަރުކުރީ އުމުރުން 18 އަހަރާއި 20 އަހަރާއި 21 އަހަރާއި އަދި 23 އަހަރުގެ ދިވެހި ފިރިހެނުން ކަމަށެވެ. މި މާރާމާރީގައި 20 އަހަރުގެ ޒުވާނަކު ވަނީ ޒަހަމްކޮށްލައިފަ އެވެ.

މިދިޔަ ހުކުރު ދުވަހު ވެސް ހިތަދޫގައި ބޮޑު މާރާމާރިއެއް ހިންގާ 30 އަހަރުގެ ދިވެހި ފިރިހެނަކު ވަރަށް ބޮޑަށް ޒަހަމްކޮށްލި އެވެ. އެ މާރާމާރީއާ ގުޅިގެން ފުލުހުން ވަނީ ހަ މީހަކު ހައްޔަރުކޮށްފަ އެވެ. އަދި އެތަނުން ހަތަރު މީހަކު ޝަރީއަތް ނިމެންދެން ބަންދުކުރަން ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ ނިންމައިފަ އެވެ.

އައްޑޫގައި މާރާމާރީތައް އިތުރުވެފައިވާ އިރު، މާލޭގައި ވެސް މި ފަހަކަށް އައިސް މާރާމާރީތައް ވަނީ އިތުރުވެފަ އެވެ. އެ މައްސަލަތަކާ ގުޅިގެން ތިން މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

މާލެ އާއި އައްޑޫގައި މާރާމާރީތައް އިތުރުވެފައިވާތީ ފުލުހުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅައިފަ އެވެ.