ޗައިނާގައި ގިނަ އަދަދެއްގެ ޒުވާނުން ވަޒީފާއެއް ނުލިބި، މާޔޫސްކަމާ ކުރިމަތިލާން ފަށައިފި އެވެ.

ފައިނޭންޝިއަލް ޕޯސްޓުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޗައިނާގެ ސަރުކާރަށް އެކަށީގެންވާ ވަޒީފާތައް އުފެއްދުމުގެ ގާބިލްކަން ނެތުމުގެ ސަބަބުން އެ ގައުމުގެ ގިނަ އަދަދެއްގެ ޒުވާނުން ތިބީ ކަންބޮޑުވުމެއްގެ ތެރޭގަ އެވެ. އަދި އެކަށީގެންވާ މިންވަރަށް ވަޒީފާތައް އުފެއްދިފައި ނުވާތީ ޗައިނާގެ އިގްތިސާދީ ހާލަތު ވެސް ދަށްވަމުން އަންނަ ކަމަށް ބުނެފައިވެ އެވެ.

ޗައިނާގައި ޒުވާނުންނަށް މިހާރު ހުރި ވަޒީފާގެ ފުރުސަތުތަކުގެ ތެރޭގައި ހިމެނެނީ ދަނޑުވެރިކަމާއި ގުޅުން ހުރި މަސައްކަތްތަކާއި މަގުމަތީގައި ކުނި ކެހުން ފަދަ އެއްވެސް ހުނަރެއް ބޭނުން ކުރުމަކާ ނުލައި ކުރެވެން ހުރި މަސައްކަތެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ޗައިނާގެ އަމިއްލަ ވަރަށް ގިނަ ކުންފުނިތައް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ. ޗައިނާގައި މިހާ ގިނަ އަދަދެއްގެ ބަޔަކު ވަޒީފާ ނެތި އުޅެން ޖެހިފައި ވަނީ މި ކުންފުނިތައް ހުއްޓިފައި އޮތުމުންނެވެ.

ހުއައިޓައިގެ ޗީފް އިކޮނޮމިސްޓް ވަންގް ޖުން ވިދާޅުވީ ޒުވާނުން ވަޒީފާއެއް ނުލިބި ކުރިއަށް އޮތް ފަސް އަހަރު ނޫނީ 10 އަހަރު ވަންދެން އުޅެން ޖެހޭނެ ކަމަށެވެ. ވަޒީފާއެއް ނެތި ދިރިއުޅެން ޖެހިފައިވުމުގެ ސަބަބުން އެކިއެކި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ބުނެ، ޗައިނާގެ ޒުވާނުން ގެންދަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.

"ކުންފުނިތައް ހިންގުން ހުއްޓާލައި ފަހަރަކު މުވައްޒަފަކު ދަނީ ވަޒީފާ އިން ކަނޑާލަމުން. މި މާހައުލު ރަނގަޅެއް ނޫން. ކަންކަން އޮތީ އާންމު ހާލަތެއްގައެއް ނޫން. އަހަރެން ބޭނުން ވަނީ ސިވިލް ސާވަންޓެއްގެ ވަޒީފާ. އާމްދަނީއަށް މަދު އެއްޗެއް ލިބުނަސް މައްސަލައެއް ނެތް. ޔަގީނުން ވެސް ވަޒީފާއެއް ނުލިބި ބަނޑުހައިހޫނު ކަމުގައި މަރެއް ނުވާނެ،" އެކަކު ހިޔާލު ފާޅު ކުރި އެވެ.

ޗައިނާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ނަމަ، 2012 ވަނަ އަހަރު ވަޒީފާ އަދާ ކުރާ މީހުންގެ އަދަދު ހުރީ 762.54 މިލިއަންގަ އެވެ. އެކަމަކު، އޭގެ 10 އަހަރު ފަހުން އެ އަދަދު މިހާރު ވަނީ 733.51 މިލިއަނަށް ވެއްޓިފަ އެވެ.

އުމުރުން 30 އަހަރުގެ ގޮންގް ޗެންގިއަންގްއަކީ ކުރިން ޓެކްނޮލޮޖީގެ މަސައްކަތް ކުރާ ކުންފުންޏެއްގައި މަސައްކަތް ކުރަމުން އަންނަ ޒުވާނެކެވެ. އެކަމަކު، ހަންގްޒޫގައި މަސައްކަތް ކުރަނިކޮށް އެ ކުންފުނި ހުއްޓާލި އެވެ. މިއާ އެކު، އޭނާ މިހާރު މަސައްކަތް ކުރަމުން އަންނަނީ ސްޓްރޯބަރީ ދަނޑެއްގަ އެވެ.

ޗައިނާގައި ވަޒީފާ އަދާނުކުރާ މީހުންގެ އަދަދު %5 އަށް ވުރެ މަތި އިރު، 2028 ވަނަ އަހަރުގެ ނިޔަލަށް އެ އަދަދަށް ބަދަލެއް އަންނާނެ ކަމަކަށް ނުބެލެވޭ ކަމަށް ފައިނޭންޝިއަލް ޕޯސްޓުން ބުނެފައިވެ އެވެ.

ވޮންގް ޖުން ވިދާޅުވީ ޒުވާނުން ވަޒީފާ އަދާކުރެވޭނެ ގޮތެއް ނެތުމުގެ ސަބަބުން ޗައިނާ ސަރުކާރުން ވަޒީފާތައް އުފައްދަން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ސެކިއުރިޓީ ގާޑް، ރިސެޕްޝަނިސްޓް ފަދަ ވަގުތީ ވަޒީފާތަކެއް އުފައްދަން މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.