އުމުރުން 40 ން މައްޗަށް ދިއުމުން ހަންގަނޑަށް އެކި ކަަހަލަ ބަދަލުތައް އާދެ އެވެ. ހަންގަނޑުގައި ރޫޖެހުމާއި ކުރަކި ވުން ފަދަ ކަންކަމަކީ މި އުމުރުގައި އާއްމު ކަމެކެވެ. މި ލިޔުމުގައި މި ބަލާލަނީ މިގޮތަށް އަންނަ ބަދަލުތައް ކުޑަ ކުރެވިދާނެ ބައެއް ގޮތްގޮތަށެވެ.

ރޫޖެހުން

ހަންގަނޑަށް އަރާ ރޫތަކަށް ހައްލެއްގެ ގޮތުގައި ވިޓަމިން އޭ ސަޕްލިމެންޓެއް ބޭނުން ކުރެވިދާނެ އެވެ. ވިޓަމިން އޭގެ ސަބަބުން ހަމުގެ "ސެލްސް" ތައް އިތުރުވެ، ހަން އޮމާން ކޮށްދެ އެވެ. ދިރާސާ ތަކުން ދައްކާ ގޮތުގައި ގުދުރަތީ ގޮތުން ހަންގަނޑު ދުވަސް ވުމުގެ ހައްލަކަށް ވިޓަމިން އޭ އަކީ ވަރަށް ބޮޑު ފަރުވާ އެކެވެ.

ލޯކައިރި ކަޅުވުން

ލޯ ކައިރީ ބޭނުން ކުރާ ކްރީމް އަކީ "ރެޓިނޮއިޑް" މާއްދާ ހިމެނޭ ކްރީމް އަކަށް ހަދާށެވެ. މި ކްރީމް ގެ ސަބަބުން ލޯ ކައިރީގެ ހަންގަނޑު އުޖާލާ ކޮށްދީ ރޫޖެހުން މަދުކޮށްދެ އެވެ.

ހަންގަނޑު އެލުން

ހަންގަނޑުގައި ހިމެނޭ "ކޮލަޖެން" އާއި "އިލާސްޓިން" ދުވަސްވާ ވަރަކަށް މަދުވުމުން ސަބަބުން ހަންގަނޑުގެ ބާރުކަން ގެއްލި އެލޭ ގޮތް ދިމާވެ އެވެ. މިކަން ބޮޑަށް ފާހަގަ ވާނީ މޫނުންނެވެ. "ޑީއެމްއޭއީ" ހިމެނޭ ސްކިން ޕްރޮޑަކްޓްސް ހޯދާށެވެ. މީގެ ސަބަބުން ހަންގަނޑު އޮމާން ކޮށްދެ އެވެ.

ކުލަ ބަދަލުވުން

މި ކަމަށް އޮތް ފަރުވާ އަކީ "އެންޓިއޮކްސިޑެންޓްސް" އެވެ. އުމުރުން ދުވަސްވާ ވަަރަކަށް ތަރުކާރިއާއި މޭވާއިން ލިބޭ އެންޓި އޮކްސިޓެންޓްސްގެ ފައިދާ ކުރުން ލަސްވެ އެވެ. އެހެން ކަމުން އެންޓިއޮކްސިޑެންޓްސް މާއްދާ ހިމެނޭ ކްރީމް/ލޯޝަން ބޭނުން ކުރަންޖެހެ އެވެ.

ކުރަކިވުން

ހަންގަނޑު ކުރަކިވުމަކީ ހަމުގެ ވަރަށް ގިނަ މައްސަލަތައް ދިމާވާން ހުޅުވޭ ދޮރެކެވެ. އެހެން ކަމުން މޮއިސްޗަރައިޒިން އަކީ މި އުމުރު ފުރައަށް ވަރަށް ވެސް މުހިއްމު ކަމަކަށް ވާނެ އެވެ. ހިޔަލުރޮނިކް އެސިޑް "އެޗްއޭ" ހިމެނޭ މޮއިސްޗަރައިޒަރެއް އިހްތިޔާރު ކުރާށެވެ. މި މާއްދާ ހިމެނޭ މޮއިސްޗަރައިޒާއިން ހަންގަނޑު މަޑު ކޮށްދީ، ހަމުގެ ތެޔޮކަން ގެނެސް ދިނުމުގެ އިތުރުން "ކޮލަޖެން" އުފެދުމަށްވެސް އެހީތެރިވެ އެވެ.