ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރިއަށް ގެންދިޔަ ބިންވެރިތާ ސްކީމުގެ ދަށުން ގޯތި ނުލިބޭނެ ކަމަށް ކަނޑައެޅި މީހަކަށް ގޯތި ދިނުމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

މި މައްސަލަ ސިވިލް ކޯޓަށް ހުށައެޅީ ފާތުމަތު އަހުމަދު ކިޔާ މީހެކެވެ.

ފާތުމަތު އަހުމަދު ސިވިލް ކޯޓަށް ހުށަހަޅާއިފައިވާ މައްސަލައިގައި ބުނެފައިވަނީ، އައިޑެންޓިޓީ ސައްހަ ކުރުމަށާއި, މިނިސްޓްރީގެ ނިންމުމުގެ ސަބަބުން ގެއްލިގެންދާ ހައްގުތައް ހޯދައިދިނުމަށެވެ.

މި މައްސަލަ ކޯޓަށް ހުށަހެޅީ އޭނާއަކީ މާލޭގެ ރަށްވެއްސެއް ކަމަށް ޝަރުތު ފުރިހަމަ ނުވާ ކަމަށް ކަނޑައަޅައި، އޭނާގެ ނަން ލިސްޓުގައި ހިމަނާފައި ނެތުމުންނެވެ.

ނަމަވެސް، އޭރުގެ ހައުސިން މިނިސްޓްރީން ފާތުމަތު އަހުމަދުގެ ޝަރުތު ފުރިހަމަނުވާ ކަމަށް ނިންމި ނިންމުން ނަފީ ކުރެވޭ ފަދަ ލިޔުމެއް ހުށަހަޅާފައި ނުވާ ކަމަށް ވަނީ ބުނެފަ އެވެ. ސަރުކާރުން އޭރު ކަނޑައެޅި އުސޫލުގައިވާ ގޮތުން މާލޭގެ ރަށްވެއްސެއްކަން ހިނދުކޮޅަކަށްވެސް މެދުކެނޑިފައިވާ ނަމަ ޝަރުތު ހަމައެއް ނުވެ އެވެ.

ފާތިމަތުގެ ޝަރުތު ހަމަނުވާ ކަމަށް ވެސް ކަނޑައެޅީ އެކަމަށް ބަލާފަ އެވެ. މ. މުލަކު ގެއަކަށް އޭނާ ރަޖިސްޓާވެފައިވާ ކަމަށް ދައުލަތުން ބުނެ އެވެ. އެކަމާ ގުޅޭ ލިޔުމެއްވެސް ދައުލަތުން ހުށަހެޅި އެވެ. ނަމަވެސް، ފާތިމަތު ބުނަމުން ދިޔައީ އޭނާއަކީ އަބަދުވެސް މާލޭގެ ރަށްވެއްސެއްގެ ގޮތުގައި ހުރި މީހެއް ކަމަށެވެ.

އެ މައްސަލާގައި ފާތިމަތު ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގެ ހުކުމުގައި ބުނީ އޭނާގެ އުމުރުގެ 54 އަހަރުވެސް ހޭދަކޮށްފައިވަނީ މާލޭގެ ރަށްވެއްސެއްގެ ގޮތުގައިކަން އެނގެން އެބައޮތް ކަމަށާއި ރާއްޖޭގެ އެހެން ތަނެއްގައި އޭނާ ރަޖިސްޓްރީވެފައިވާ ކަމެއް އެނގެން ނެތް ކަމަށެވެ.

އަދި މ. މުލީގެ ގެއެއްގައި ފާތިމަތު ރަޖިސްޓްރީވެފައިވާކަމަށް ޑީއެންއާރުއިން ދޫކޮށްފައިވާ ލިޔުމަކީ ސައްޙަ ލިޔުމެއް ނޫންކަމަށްވެސް ހުކުމްގައި ވަނީ ބުނެފަ އެވެ. އަދި އެއީ ބާތިލް ރެކޯޑެއްކަން އެގެން އޮންނަ ކަމަށެވެސް ހުކުމުގައި ވެއެވެ.

އެހެންކަމުން، މާލޭގެ އެހެން ރަށްވެހިންނަށްވެސް ލިބުނު ފުރުސަތު ފާތިމަތަށްވެސް ލިބެން ޖެހޭނެކަމަށް ސިވިލް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ. އޭނާއަކީ ގޯއްޗަށް ޝަރުތު ހަމަވާ މީހެއް ކަމަށް ކަނޑައަޅައި، އުސޫލުގެ ތެރެއިން ގޯތި ދިނުމަށް ވަނީ ހުކުމްކޮށްފަ އެވެ.