ކުރީގެ ރައީސް އަދި ޕީޕީއެމްގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އަށް ސޮއިކުރައްވައިފި އެވެ.

ޔާމީން އިސްކޮށް ހުންނަވައިގެން އުފެއްދެވުމުގެ މަސައްކަތް ކުރަމުން އަންނަ ޕީއެންއެފަށް އެމަނިކުފާނު ސޮއިކުރެއްވީ ޕާޓީގެ އޮފީހުގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. ޔާމީން ސޮއި ކުރެއްވި ފޯމް ހަވާލު ކުރެއްވީ ކުރީގެ ވަޒީރު މުހައްމަދު މަލީހް ޖަމާލްއާ އެވެ. ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ މައްސަލައިގައި 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީން މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވާފައެއް ނުވެ އެވެ.

ޕީޕީއެމާއި ޕީއެންސީ ދޫކޮށްލައްވައި ޕީއެންއެފާ ގުޅިވަޑައިގެންނެވި އިރު، އެމަނިކުފާނަކީ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ބޭފުޅަކަށްވާތީ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އެ މަނިކުފާނަކަށް ނެތެވެ. އެހެންވެ، ޕީއެންއެފް އުފެއްދުމަށް މުއައްސިސެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހެޅުއްވީ ޔާމީންގެ ދަރިކަލުން ޒެއިން އަބްދުﷲ ޔާމީން އެވެ.

އީސީން މިދިޔަ މަހުގެ ފަހުކޮޅު ވަނީ ޕީއެންއެފް އުފެއްދުމުގެ ހުއްދަ ދީފަ އެވެ. އީސީން ދިން ހުއްދަ އާ އެކުގައި ޕީއެންފަށް 3،000 މެމްބަރުން ހަމަ ކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަން އެނގިފައިވެ އެވެ.

ޔާމީން، ޕީޕީއެމް ދޫކޮށްލެއްވީ އެ ޕާޓީގެ ލީޑަޝިޕާ މެދު އުފެދިފައިވާ ހިޔާލުތަފާތުވުންތަކާ ގުޅިގެންނެވެ. އެމަނިކުފާނުގެ ފަރާތްޕުޅުން ވާހަކަ ދައްކަވާ ކުރީގެ ނައިބު ރައީސް އަދި ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ މުހައްމަދު ޖަމީލް އަހުމަދާއި ޖަމީލަށް ބޮޑުބޭބެ ވިދާޅުވާ މަލީހް ވިދާޅުވި ގޮތުގައި ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގެ ބޭފުޅުން ވަނީ ޔާމީންއާ ދުރަށް ވަޑައިގެންފަ އެވެ. އެގޮތުން ލީޑަޝިޕްގެ ބޭފުޅުން މަޝްވަރާތައް ކުރައްވަމުން ނުގެންދަވާ އިރު، ބައްދަލު ވެސް ނުކުރައްވާ ކަމަށް ވިދާޅުވެފައިވެ އެވެ.

އާ ޕާޓީ އުފައްދަވައި ޔާމީންގެ އަމާޒަކީ ކުރިއަށް އޮތް މާލެ ސިޓީގެ މޭޔަރާއި ކައުންސިލަށް ތިން ކައުންސިލަރުން އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަން ކާމިޔާބު ކުރުމެވެ. އޭގެ ފަހުން އޮންނަ ރައްޔިތުންގެ މަޖިލިހުގެ މެޖޯރިިޓީ އެމްއެންއެފަށް ހޯއްދަވައި ދެއްވުމަކީ ވެސް ޔާމީންގެ އެންމެ ބޮޑު އަމާޒެވެ.

ޔާމީން ސިޔާސީ ހަޔާތް ފެއްޓެވީ ޕީޕަލްސް އެލަޔަންސް (ޕީއޭ) އިންނެވެ. ޕީއޭއަކީ ޔާމީން އިސްކޮށް ހުންނަވައިގެން އުފެއްދެވި ޕާޓީއެކެވެ. އޭގެ ފަހުން، އެމަނިކުފާނު ވަނީ ޕީޕީއެމަށް ސޮއިކުރައްވައިފަ އެވެ. މި ފަހަކާ ޖެހެންދެން އެމަނިކުފާނު ހުންނެވީ ޕީޕީއެމްގަ އެވެ.