ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި މޭޖަ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް، ލެފްޓިނެންޓް ޖެނެރަލް ރޭންކަށް ޕްރޮމޯޓްކުރައްވައިފި އެވެ.

މިކަމަށްޓަކައި މިއަދު ބަންޑާރަކޮށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސްއަށް ލެފްޓިނެންޓް ޖެނެރަލް ރޭންކް ހަވާލުކޮށްދެއްވީ ރައީސް އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒު އެވެ. އަދި މަގާމުގެ ކުރިއެރުން ދެއްވިކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނެވެ.

މިއަދު މަގާމުގެ ކުރިއެރުން ލިބިވަޑައިގަތް ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަހީމްއަކީ އަސްކަރީ ތާރީހުގައި، ލެފްޓިނެންޓް ޖެނެރަލްގެ ރޭންކާ ހަމައަށް ވަޑައިގެންނެވި ތިންވަނަ ބޭފުޅާ އެވެ.

މީގެ ކުރިން ލެފްޓިނެންޓް ޖެނެރަލް ރޭންކް ލިބިވަޑައިގަތް ބޭފުޅުންނަކީ ލެފްޓިނެންޓް ޖެނެރަލް (ރިޓަޔަޑް) އަންބަރީ އަބްދުއްސައްތާރާއި، ލެފްޓިނެންޓް ޖެނެރަލް (ރިޓަޔަޑް) އަބްދުﷲ ޝަމާލް އެވެ.