ޣައްޒާގައި ޔަހޫދީން ހިންގަމުންދާ ލާއިންސާނީ އަމަލުތަކުގެ ސަބަބުން ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށްޓަކައި އިޓަލީ އިން ފެށިގެން ޣައްޒާއަށް ކަނޑުމަގުން އެކްޓިވިސްޓުންތަކެއް ދަތުރުކުރަމުންދިޔަ ބޯޓު އިޒްރޭލުން ހިފަހައްޓައިފި އެވެ.
އިންސާނީ އެހީ އާއެކު "މެޑްލީން" ނަމަކަށް ކިޔާ އުޅަނދެއްގައި 12 އެކްޓިވިސްޓުން ދަތުރުކުރަމުން ދިޔަ މި ބޯޓު ޔަހޫދީން ހިފެހެއްޓީ މިސްރުވެސް ފަހަނައަޅާގޮސް، ޣައްޒާގެ އައްސޭރި އާއި ވަރަށް ކައިރިވެފައިވަނިކޮށެވެ.
މި ބޯޓު ހިފެހެއްޓިފައިވާކަން ޔަހޫދީންގެ ޣައިރު ގާނޫނީ ދައުލަތުންވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.
" 'ސެލެބްރިޓީން' ގެ 'ސެލްފީ ޔޮޓް' އިޒްރޭލުގެ އައްސޭރިއަށް ވަނީ ގެނެވިފަ. އެމީހުން އެނބުރި އެމީހުންގެ ގައުމުތަކަށް ފޮނުވާލާނެ. އެމީހުންނަށް ސޭންޑްވިޗާއި ފެން ދީފިން. ޝޯ ނިމިއްޖެ،" ޔަހޫދީ ދައުލަތުގެ ފޮރިން މިނިސްޓްރީން ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.
މި ކްރޫގައި މޫސުމީ ބަދަލުތަކާއި ދެކޮޅަށް ވަކާލާތު ކުރާ 22 އަހަރުގެ ގްރެޓާ ތަމްބާގް އާއި ޔޫރަޕުގެ ޕާލަމެންޓް ގެ މެންބަރު، ފަލަސްތީނުގެ ދަރިފަސްކޮޅަށް ނިސްބަތްވާ ރިމާ ހަސަން ވެސް ހިމެނޭއިރު، އެމީހުން ޣައްޒާ އަށް އައުމަށް ދަތުރުފެށީ ކުޑަކުދިންނަށް ދޭ ކިރާއި ހަނޑޫފަދަ އަސާސީ އެހީގެ ތަކެތި ހިފައިގެންނެވެ.
މި ބޯޓު ހިފެހެއްޓުމަށްފަހު، ޣައްޒާއަށް އެހީ ވެއްދުމަށް ހުރަސް އަޅަމުންދާ ޔަހޫދީން ބުނީ މިތަކެތި ޣައްޒާއަށް އެތެރެކުރާނެ ކަމަށެވެ.
ފްރީޑަމް ފްލޮޓިލާ ކޯލިޝަން (އެފްއެފްސީ) ގެ ފަރާތުން ޣައްޒާއަށް ވާސިލުވުމަށް ދަތުރުކުރި މި ބޯޓުގެ އޮޕަރޭޝަނަށް ތާއީދުކޮށް އދ. އިން ފަލަސްތީނުގެ އިންސާނީ ހައްގުތަކަށް ކަނޑައަޅާފައި ހުންނަ ފަރާތްކަމަށްވާ ފްރާންސެޝްކާ އަލްބަނީސް ވަނީ އެހެން ބޯޓު ތަކުން ވެސް މިފަދައިން ޣައްޒާ އަށް ވާސިލް ވުމަށް މަސައްކަތް ކުރަން ބާރު އަޅާފަ އެވެ.
މީގެ ކުރިންވެސް އެފްއެފްސީން ކަނޑުމަގުން އެހީ ފޯރުކޮށްދޭން މަސައްކަތް ކުރިއިރު އޭރު ވަނީ ޑްރޯން އިން ޔަހޫދީން ހަމަލާދީ އެމީހުންގެ މަސައްކަތް ނާކާމިޔާބު ކޮށްލާފަ އެވެ.
މިފަހަރުވެސް ޔަހޫދީން މި ބޯޓު ހިފަހައްޓާފައިމިވަނީ ގާނޫނާއި އެއްގޮތަށް ދަތުރުކުރަމުންދިޔަ އެ ބޯޓުގައި ތިބި ފަރާތްތައް ހައްޔަރު ނުކުރެވޭނެ ކަމަށް ގިނަ ބަޔަކު ގޮވާލަމުން ދަނިކޮށެވެ.