މެލޭޝިއާގައި ކާރަކާއި ސުލްތާން އިދްރިސް އެޑިއުކޭޝަން ޔުނިވާސިޓީ (ޔޫޕީއެސްއައި) ގެ ދަރިވަރުންތަކެއް ދަތުރުކުރަމުން ދިޔަ ބަހެއް ޖެހި ހިނގި އެކްސިޑެންޓެއްގައި 15 ދަރިވަރުން މަރުވެއްޖެ އެވެ.
މިކަމާ ގުޅިގެން އެ ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލާ ނޫރްހާލިދް ސަލިމިން ވިދާޅުވީ މި އެކްސިޑެންޓް ހިނގީ އެ ދަރިވަރުން އެމީހުންގެ އަމިއްލަ ސަރަހައްދަށް ގޮސް، އީދު ފާހަގަކޮށް އެނބުރި ކެމްޕަސް އަށް އައި މަގުމަތީގައި ކަމަށެވެ.
މެލޭޝިއާގެ ސިވިލް ޑިފެންސް ފޯސް އޮޕަރޭޝަން ކޮންޓްރޯލް ސެންޓަރުން ބުނީ މި އެކްސިޑެންޓް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ގެރިކް ހޮސްޕިޓަލުން ލިބުނީ ދަންވަރު 1:10 ހާއިރު ކަމަށެވެ.
އެ ސެންޓަރުން ބުނީ އެކްސިޑެންޓް ހިނގައިގެން އުޅޭ ސަރަހައްދަށް ދިޔައިރު، ކާރުގައި ޖެހި ބަސް ފުރޮޅާލާފައިވާކަމަށެވެ.
މި ހާދިސާގައި 48 މީހަކު ހިމެނޭއިރު، މީގެ ތެރެއިން 13 މީހުން އެކްސިޑެންޓް ހިނގި ވަގުތު ވަނީ މަރުވެފަ އެވެ. އަދި ހޮސްޕިޓަލަށް ގެންދިޔަފަހުން އިތުރު 2 މީހަކު މަރުވެފައިވާއިރު، 4 މީހަކަށް ވަނީ އަނިޔާވެފަ އެވެ.
މެލޭޝިއާގެ ޕެރަކް ފަޔާ އެންޑް ރެސްކިއު ޑިޕާޓްމަންޓްގެ ޑިރެކްޓަރު ސަޔާނީ ސައިޑޮން ވިދާޅުވީ ބަހާއި ކާރު ދަތުރުކުރަމުން ދިޔައީ އެއް މިސްރާބަކަށް ކަމަށެވެ. އަދި އެކްސިޑެންޓް ހިނގީ އޯވަޓާން އެއް ނަގަން އުޅުމުގެ ތެރޭގައި ކަމަށެވެ. އޭނާ ވިދާޅުވީ އެކްސިޑެންޓް ހިނގުމަށްފަހު ބައެއް ދަރިވަރުން އަމިއްލަ ބަހުގެ ތެރެއިން ނުކުމެވުނު އިރު 6 ދަރިވަރަކު ބަސް ތެރޭގައި ތާށިވެފައި ތިބި ކަމަށެވެ.
ޔުނިވާސިޓީން ފަހުން ބުނި ގޮތުގައި، އެ ބަހުގައި ޖުމްލަ 44 ދަރިވަރުން ދަތުރުކުރަން ހަމަޖެހިފައި އޮތް ނަމަވެސް 2 ދަރިވަރަކު ބަހުން ދަތުރު ނުކުރާތީ ބަސް އެކްސިޑެންޓް ވިއިރު ތިބީ 42 ދަރިވަރުންނެވެ.