ޖުޑީޝަލް ސާވިސް ކޮމިޝަންގެ ދިވެހިރާއްޖޭގެ ޤާނޫނީ ދާއިރާގެ މެންބަރުކަމަށް، އަލީ އަބްދުއްލަޠީފް، މިއަދު އައްޔަނުކުރައްވައިފި އެވެ.

އަލީ އަބްދުއްލަތީފް މި މަގާމަށް އައްޔަނުކުރައްވާފައިވަނީ މިކަމަށްޓަކައި މިއަދު ހެނދުނު ރައީސްގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގަ އެވެ.

އަލީ އަބްދުއްލަތީފް، ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރުކަމަށް އައްޔަނުކުރެއްވީ ގާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (މ) އާއި، ގާނޫނު ނަންބަރު 10/2008 (ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ޤާނޫނު) ގެ ތިން ވަނަ މާއްދާގެ ދިހަ ވަނަ ނަންބަރާއި، ގާނޫނު ނަންބަރު 2019/5 (ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު) ގެ 69 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ދިވެހިރާއްޖޭގައި ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ވަކީލުންގެ ތެރެއިން، އިންތިހާބުކުރާ ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުންނެވެ.

އެމަނިކުފާނަށް ހުވައި ލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ. މި ރަސްމިއްޔާތުގައި ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރު ކަމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސް މުއިއްޒު ވަނީ އަލީ އަބްދުއްލަޠީފަށް ހަވާލުކޮށްދެއްވައިފަ އެވެ.