ކޯޓަށް ވަރިވާން ދިޔަ އަންހެނަކަށް ގުޅައި މެސެޖްކުރިކަމަށް ތުހުމަތުކޮށް ސަސްޕެންޑުކޮށްފައި ހުރި ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓު އަލީ އާދަމް މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

މެޖިސްޓްރޭޓް އަލީ އާދަމް މަގާމުން ވަކިކުރަން ފެންނަ ކަމަށް ވޯޓު ދީފައިވަނީ 46 މެންބަރުންނެވެ. މެޖިސްޓްރޭޓް ވަކިކުރުމާ ދެކޮޅަށް އެއް މެންބަރަކު ވޯޓު ދީފައިވެ އެވެ.

ކުޅުދުއްފުށި މެޖިސްޓްރޭޓު ކޯޓަށް ވަރިވާން ދިޔަ އަންހެނަކަށް ގުޅައި، އަލީ އާދަމް ޒާތީ މެސެޖުކުރި ކަމަށް ބުނެ ޖޭއެސްސީން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީ އަށް ހުށަހެޅި މައްސަލައިގައި އެ ކޮމިޓީން ކުރި ތަހުގީގުގައި އަލީ އާދަމް ވަނީ އެކަމަށް އިއުތިރާފުވެފަ އެވެ.

މި މައްސަލައިގައި އަލީ އާދަމް މަސްއޫލިއްޔަތުތަކުން އެކަހެރިކުރީ މިދިޔަ އޭޕްރިލް މަހުގެ 25 ގައެވެ. އަދި ޖުލައި 12 އިން ފެށިގެން ވަކި މުއްދަތެއް ނެތް ގޮތަށް މަގާމުގެ މަސްއޫލިއްޔަތުތަކުން އޭނާ ވަނީ އެކަހެރިކޮށްފައެވެ.

މި މައްސަލައިގެ އިތުރުން މިދިޔަ އަހަރުގެ އެޕްރީލް މަހުގައި ވެސް އަލީ އާދަމްގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވެގެން ޖޭއެސްސީން ވަނީ ފިޔަވަޅު އަޅާފަ އެވެ.