މިއަދު ކުރިއަށް ގެންދިޔަ ބައި އިލެކްޝަންގެ ވަގުތީ ނަތީ ޖާދައްކާ ގޮތުން ޕީޕީއެމްއިން ތިން ގޮނޑި ކާމިޔާބު ކޮށްފި އެވެ.

ހއ. ކެލާ، ނ. މާފަރު، އަދި އދ. ހަންޏާމީދޫ ކައުންސިލް މެންބަރުގެ އިތުރުން މާފަރު އަންހެންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންގެ ވޯޓުލުން ފެށީ މިއަދު ހެނދުނު 08:00 ގައެވެ.

ވޯޓުލުން ކުރިއަށްދިޔައީ ހަވީރު 16:00 އާ ހަމައަށެވެ.

މި ތިން އިންތިޚާބުގެ ވޯޓުގެ ވަގުތީ ނަތީޖާ މިހާރު އިލެކްޝަންސް ކޮމިޝަނުން އިއުލާނުކޮށްފައިވާއިރު، އެ ބައި-އިލެކްޝަންތަކުގެ ތެރެއިން އެއް ބައި-އިލެކްޝަން ފިޔަވައި ދެން ހުރި ހުރިހާ ބައި-އިލެކްޝަނެއް ކާމިޔާބުކުރީ ޕީޕީއެމްގެ ޓީކެޓުގައި ވާދަކުރެއްވި ކެންޑިޑޭޓުންނެވެ. އިލެކްޝަންސް ކޮމިޝަނުން އިޢުލާންކޮށްފައިވާ ވަގުތީ ނަތީޖާ އިން ދައްކާގޮތުގައި ހއ. ކެލާ ކައުންސިލްގެ އަންހެން މެމްބަރު އިންތިޚާބު ކުރުމަށް ބޭއްވި ބައި އިލެކްޝަން ކާމިޔާބުކުރީ ޕީޕީއެމްގެ ކެންޑިޑޭޓް ޚަދީޖާ މަޢުރިފާ އެވެ.

ނ. މާފަރު ކައުންސިލްގެ ބައި އިލެކްޝަން ކާމިޔާބުކުރީ ޕީޕީއެމްގެ ކެންޑިޑޭޓް މުހައްމަދު އަބޫބަކުރު އެވެ.

އދ. ހަންޏާމީދޫގެ ބައި އިލެކްޝަން ކާމިޔާބުކުރީ އަމިއްލަ ގޮތން ވާދަކުރި ކެންޑިޑޭޓް މުހައްމަދު ޔާސިރު އެވެ.

ނ. މާފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި އިލެކްޝަން ކާމިޔާބުކުރީ ޕީޕީއެމްގެ ކެންޑިޑޭޓް މަރިޔަމް ޝާތިރާ އެވެ.

މީގެ އިތުރުން ވެސް އިތުރު ބައި-އިލެކްޝަންތަކެއް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން، އަންނަ ޖެނުއަރީ 13 ގައި މާލެ ސިޓީއަށް މޭޔަރަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަނާއި، މާލެ ސިޓީ ކައުންސިލުން ހުސްވެފައިވާ ތިން ގޮނޑިއަށް މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަން އޮންނާނެ އެވެ. އަދި ހަމަ އެ ދުވަހު، މ. މުލަކު ޑަބްލިއުޑީސީން ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށް ވެސް ބައި-އިލެކްޝަނެއް އޮންނާނެ އެވެ.