ތިމާމެންގެ އާރާއިބާރު ދައްކާލާން ބޭނުންވީމާ ގައުމަށް ކޮންމެ ގޮތެއް ވިޔަސް ވަރިހަމަވުމަކީ ގައުމަށް ޣައްދާރުވުން ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ ހުރަވީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގަ އެވެ.

ރައީސް މުއިއްޒު ވިދާޅުވީ ގާނޫނީ ސަރުކާރަކަށް ލޮޅުން އަރުވާލަން ނިންމުމަކީ ދިވެހި ދައުލަތަށާއި ދިވެހި ރައްޔިތުންނަށް ޣައްދާރުވުން ކަމަށެވެ. އަދި ގައުމަށް ދެރަ ލިބޭނެހެން ކަންކަން ރާވައި ހިންގައި، ގައުމަށް ޣައްދާރުވާ މީހުންނަކީ ފިނޑި ނިކަމެތި ބައެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ގާނޫނީ ސަރުކާރަކަށް ލޮޅުން އަރުވާލަން، އަދި ވަކިން ހާއްސަކޮށް ތިމާމެންގެ އާރާއިބާރު ދައްކާލާން ބޭނުންވީމާ ރައްޔިތުންނަށާއި މި ލޮބުވެތި ދިވެހިރާއްޖެއަށް ކޮންމެ ގޮތެއް ވިޔަސް ވަރިހަމަކަމަށް ނިންމުމަކީ ދިވެހި ދައުލަތަށާއި މި ލޮބުވެތި ދިވެހި އާއިލާއަށް ކަނޑައެޅިގެން ޣައްދާރުވުން. ގައުމަށް ދެރަ ލިބޭނެހެން ކަންކަން ރާވައި ހިންގައި، ގައުމަށް ޣައްދާރުވާ މީހުންނަކީ ފިނޑި ނިކަމެތި ބައެއް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ހުރަވީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ހުރަވީ ދުވަހާއި ގުޅިފައިވާ ހާދިސާއަށް ބަލާއިރު، އެ ކަމުގައި ތާރީޚުގެ އަލިފަރާތަކާއި ތާރީޚުގެ އަނދިރި ފަރާތެއް އެބަ ފެންނަ ކަމަށެެވެ. އަދި ތާރީޚުގެ އަލިފަރާތުން ފެންނަނީ ދުވަހުގެ ބަޠަލް މުލީގޭ ދޮން ޙަސަން މަނިކުފާނު ނުވަތަ ދޮން ބަންޑާރައިނާއި އެމަނިކުފާނަށް ވަފާތެރި ދިވެހީންގެ ލަޝްކަރުކަމަށާއި، ތާރީޚުގެ އަނދިރި ފަރާތުން ފެންނަނީ ދިވެހި ޤައުމަށް ޚިޔާނާތެރިވި އަދި ހޮޅިންގެ އަތުން ކަނޑުފައްތާ މަރާލި ޝަމްސުއްދީނާއި މުޙްޔިއްދީނާއި އެ ދެ މީހުންގެ ދަޢުވަތަށް އައި އަނިޔާވެރި ހޮޅީންގެ ލަޝްކަރު ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މި ހާލަތުގައި މި ހާދިސާގެ ދެފަރާތަށް ބަލައިލުން މުހިއްމު ކަމަށާއި، މައްސަލައިގެ އަނދިރިފަރާތަށް ބަލާލާއިރު ދިވެހި ދައުލަތުގެ މަތިފަޑީގައި ތިއްބެވި ދެ ބޭފުޅުން ވެރިކަމުގެ ދަހިވެތިކަމުގައި އެ ބޭފުޅުން ބޭރުގެ ބާރެއްގެ އެހީ ހޯއްދެވި ކަމަށެވެ. އަދި ކަނޑައެޅިގެން ދޮގު ވާހަކަތައް އެއް ފަހަރަށް ވުރެ ގިނަ ފަހަރު ސިޓީބިޓީގެ ޒަރީޢާ އިން ހޮޅީންނަށް ލިޔުއްވި ކަމަށާއި ނަތީޖާއަކަށްވީ ހޮޅީންގެ ލަޝްކަރު މާލެ އަރައި މާލެ ސުންނާފަތިކޮށްލުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އެންމެ ފަހުން ތިމާގެ އަމިއްލަ ޤައުމަށް ޚިޔާނާތްތެރިވި ބަޔަކު އެހެން ދައުލަތަކަށް ވަފާތެރިވާނެހޭ ބުނެ ހޮޅީން، މި ޣަދަރުވެރި ދެ ދިވެހީން ކަނޑުފައްތައިމެރުން. މި ހުންނަނީ ދިވެހިރާއްޖެ ދެމި އޮތްހައި ދުވަހަކު ހަމަ ކޮންމެ ދިވެހި ދަރިޔަކު ފިލާވަޅު ލިބިގަންނަންޖެހޭ ކަންކަން" ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނުގެ ވެރިކަން ހިންގުމުގެ ސިޔާސަތު ބިނާވެފައި ވަނީ ޢުމްރާނީ ބިނާކުރުމާއި އިންސާނީ ބިނާކުރުމުގެ މައްޗަށް ކަމުގައި ވިދާޅުވި އެވެ. އަދި، އިންސާނީ ބިނާކުރުމުގައި ގައުމު ދެކެ ލޯބިވުމުގެ ފުން އިޙްސާސާ ގުޅިފައިވާ ސިކުނޑިތަކެއް ބިނާކުރާނެކަމަށާއި އެކަމާ ގުޅޭ ހާއްސަ މަޝްރޫއު ކަމުގައިވާ ދިވެހި ގައުމިއްޔަތު އިއާދަކުރުމުގެ ގައުމީ މަޝްރޫއު ކުރިޔަށްގެންދަވާނެ ކަމުގައި ވަނީ ވިދާޅުވެފަ އެވެ. މިގޮތުން ސަރުކާރުގެ ހަފުތާ 14 ތެރޭގައި ހިމަނުއްވައިގެން ޤައުމީ ތަރިކަ ދިރާސާކުރާ މަރުކަޒަކާއި، ގައުމީ ތަރިކައިގެ ކޮލެޖެއް ހުޅުވޭނެކަމަށާއި، ހަމަ އެހެންމެ މަދުރުސާ ކުދިންގެ މަންހަޖުގެ ތެރެއަށް ގައުމިއްޔަތުގެ ނަމުން، މާއްދާއެއް އިތުރުކުރެވޭނެކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

މިގޮތުން ގައުމިއްޔަތުގެ ނާރެސްކަމުގައިވާ މާތްވެގެންވާ އިސްލާމްދީނުގެ މަފުހޫމަކުން ބަލާ ނަމަ ވެރިކަމެއްގެ އެންމެ މަތިވެރި މަސްއޫލިއްޔަތަކީ ހެޔޮކަންކަމަށް އަމުރުކުރުމާއި ނުބައިކަންކަން ނަހީކުރުންކަމުގައި ރައީސް ވަނީ ވިދާޅުވެފަ އެވެ. އަދި ވެރިޔާގެ ޒިންމާއަކީ ރައްޔިތުންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބޭނެ މަގު ފަހިކޮށްދިނުން ކަމުގައި އެމަނިކުފާނު ވަނީ ފާހަގަކުރައްވާފަ އެވެ. މިގޮތުން ރާއްޖޭގައި އިންޓަނެޓު މެދުވެރިކޮށް ލަދުހުތުރު މަންޒަރުތައް ބެލޭ ވެބްސައިޓުތަކަށް ވަދެވެން ހުރި ހުރިހައި ދޮރެއްގައި މި ސަރުކާރުން ތަންޑު އަޅުވާނެ ކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ. އަދި، މިހާރު އެ މަސައްކަތުގެ ބޮޑުބައެއް ވަނީ ނިމިފައިވާ ކަމަށާއި، ކުރިޔަށް އޮތް ހަފުތާ ތެރޭގައި ރާއްޖެއިން ލަދުހުތުރު ވެބުސައިޓުތަކަށް ނުވަދެވޭ ގޮތަށް އެ ފަދަ ވެބްސައިޓްތައް މުޅިން ބަންދުކޮށްލެވޭނެ ކަމުގައި އެމަނިކުފާނު ވަނީ އިޢުލާނު ކުރައްވައިފަ އެވެ.

މީގެ އިތުރުން ވެސް ދީނުގައި ވައުދު ފުއްދުމުގެ މުހިންމުކަން ހާމަކުރައްވަމުން ރައީސް ވަނީ މި ސަރުކާރުގެ ހަފުތާ 14 ގެ ފުރަތަމަ ހަތަރު ހަފުތާގެ ތެރޭގައި ހާޞިލުކުރާނެކަމަށް ވައުދުވި ކަންކަން އެ މުއްދަތުގެ ތެރޭގައި ކާމިޔާބުކަމާއެކީ ނިންމާފައިވާކަން ހާމަކުރައްވައިފަ އެވެ.