މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީގެ) ފަރާތުން މާލޭ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ އާދަމް އާޒިމްގެ "ފެހި، ތަނަވަސް، މާލެ" މެނިފެސްޓޯ ލޯންޗް ކޮށްފި އެވެ.
ރޭ ބޭއްވި ރަސްމިއްޔާތެއްގައި މި މެނިފެސްޓޯއާ ބެހޭ މައުލޫމާތު، މޭޔަރުކަމަށް ވާދަކުރައްވާ އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް ވަނީ ދެއްވައިފަ އެވެ.
ފެހި، ތަނަވަސް، މާލެ މެނިފެސްޓޯގެ ތެރޭގައި ޖުމްލަ ފަސް ކަމެއް ހިމެނެ އެވެ. އެގޮތުން އާޒިމް އެންމެ ބޮޑަށް ޕްރޮމޯޓް ކުރައްވާ، ހިތް ފަސޭހަ ތަނަކަށް މާލެ ހެދުމަށް ކުރާނެ ބައެއް ކަންކަމާއި، މާލެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ ކަމަށްވާ ބޯހިޔާވަހިކަމުގެ މައްސަލަ އާއި މާލޭގެ މަގުތަކުގެ ހާލަތު ރަނގަޅުކޮށް ޒުވާނުންނަށް ގުޅޭ ވައުދުތަކެއް މި މެނިފެސްޓޯގައި ވަނީ ހިމަނައިފަ އެވެ.
އަދި ރައީސް ސޯލިހުގެ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން ގޯއްޗާއި ފްލެޓް ލިބެން ޖެހޭ ފަރާތްތަކަށް ގާނޫނީ ގޮތުން އެ ހައްގު ކަށަވަރު ކުރުންވެސް ހިމެނެ އެވެ.
މީގެ އިތުރުން މާލެ ސިޓީގެ މަގުމަތީގައި އުޅޭ ބުޅާތަކަށް ހާއްސަ "ކެޓް ޕާކް" އެއް ހަދައި ބުޅާތައް އެ ތަނަށް ބަދަލުކުރުމަށް ވެސް ވަނީ ހިމަނާފަ އެވެ.
އިތުރަށް ވެވަޑައިގެންފައިވާ ވައުދުތަކުގެ ތެރޭގައި އާމްދަނީ ހަރަދުތަކާއި ރިސޯސަސް ހާމަކުރައްވާނެ ކަމަށް ވައުދުވެވަޑައިގަތެވެ. އަދި ފުރަތަމަ ދުވަހުން ފެށިގެން އެކަންކުރައްވާނެ ކަމަށް އާޒިމް ވިދާޅުވި އެވެ. އިތުރަށް އާޒިމް ވެލައްވާފައިވާ ވައުދުތަކުގެ ތެރޭގައި.
- ޕާމަނަންޓް ކާނިވަލެއް ޤާއިމްކުރުން
- ސިޓީ ޝޮޕިން މޯލް ހުޅުވުން
- މަސްމާރުކޭޓް ހުރިތަން ބަދަލުކުރުން
- އެއް ނަމްބަރު ފާލަން ސަރަހައްދުން ފުރާ މީހުންނަށް ފަސޭހަވާނެހެން ހިޔަލުގައި ތިބެވޭނެ ގޮތް ހަމަޖެއްސުން ހިމެނެ އެވެ.
މާލޭ ސިޓީގެ ކައުންސިލްގެ މޭޔަރުކަމަށް ފަސް ކެންޑިޑޭޓުން ވާދަކުރެ އެވެ. އެއީ އަމިއްލަ ގޮތުން ވާދަކުރާ ޝުއައިބު އަލީ (ފުރަހަނި ޝުއައިބް) އާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން ތާއީދާއެކު އަމިއްލަ ގޮތުން ވާދަކުރާ ހުސެއިން ވަހީދާއި ޕީޕީއެމް / ޕީއެންސީ ކޯލިޝަނުން އައިޝަތު އާޒިމާ ޝަކޫރާއި އެމްޑީޕީގެ ފަރާތުން އާދަމް އާޒިމްގެ އިތުރުން ދަ ޑިމޮކްރެޓްސްގެ ފަރާތުން މުހައްމަދު ސައިފު ފާތިހު އެވެ.