އިޒްރޭލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއެއްގައި ވިދާޅުވީ ފަލަސްތީނާއެކު ޖެހިޖެހިގެން އޮންނަ ދެ ގައުމެއްގެ ވާހަކައަކީ އިޒްރޭލުން ދުވަހަކު ވެސް ގަބޫލުކުރާނެ ކަމެއް ނޫން ކަމަށެވެ. ހަމަ އެގޮތަށް އިޒްރޭލްގެ ސަލާމަތް ކަށަވަރުކުރުމަށްޓަކައި ގާޒާގެ ބިމުގެ ސަލާމަތީ ބާރު އެހެން އެއްވެސް ބަޔަކަށް ދޫކޮށްލުމަކީ ވެސް އިޒްރޭލުން ކުރާނެ ކަމެއް ނޫން ކަމަށް ވެސް ނަތަންޔާހޫ ވިދާޅުވި އެވެ.
ނަތަންޔާހޫ މީޑިއާ ކުރިމަތީގައި އެހާ ހަރުކަށިކޮށް ދެއްކެވީ އެގައުމުގެ ބައިވެރިޔާ އެމެރިކާ ހަރުއަޑުން ކުރަމުން އަންނަ ވަކާލާތާ މުޅިން ތަފާތު ވާހަކައެކެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑަން ފަލަސްތީނުގެ މައްސަލައިގައި ވިދާޅުވަމުން އަންނަނީ އެ މައްސަލައަށް އޮތް ހައްލަކީ ފަލަސްތީނުގެ ވަކި ދައުލަތެއް ގާއިމުކޮށް ދިނުން ކަމަށެވެ. އެއީ އެމެރިކާއެކޭ އެއްފަދައިން ފަލަސްތީނުގެ މައްސަލައިގައި އާންމުކޮށް މުޅި ދުނިޔޭގެ ވެސް ރައުޔެވެ.
އިޒްރޭލާ އިންވެގެން ފަލަސްތީނުގެ ވަކި ދައުލަތެއް ގާއިމުކުރުމަށް އެމެރިކާ އިން ތާއީދުކުރަމުންދާ ފަދައިން ހަމާސް ނައްތާލުމުގެ ނަމުގައި އިޒްރޭލުން ގާޒާގައި ކުރަމުންދާ ހަނގުރާމަ ނިމުމަށް ފަހު އެމެރިކާއިން ބޭނުން ވަނީ ގާޒާގެ ސަލާމަތީ ކަންތައް ބެލެހެއްޓުން ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސްގެ ބެލުމުގެ ދަށަށް ބަދަލުކުރާށެވެ.
ފަލަސްތީނުގެ ވަކި ދައުލަތެއް ގާއިމުކުރުމާއި ގާޒާގެ ސަލާމަތީ ކަންތަކުގެ މައްސަލައިގައި ޚިޔާލު ތަފާތުވި ކަމުގައި ވިޔަސް އެމެރިކާ އަކީ ފަލަސްތީނަށް އިޒުރޭލުން ދެމުންގެންދާ ހަމަލާތަކުގައި އިޒްރޭލުގެ އެންމެ ބޮޑު ބައިވެރިޔާ އެވެ. ހަނގުރާމަޔަށް ބޭނުންވާ ގިނަ ހަތިޔާރަކީ އެމެރިކާއިން އިޒްރޭލަށް ފޯރުކޮށްދޭ ހަތިޔާރުތަކެވެ. މީގެ އިތުރުން ހަނގުރާމައިގެ ތެރެއަށް އަރަބި މުސްލިމު ގައުމުތަކުން ވަނަ ނުދިނުމަށްޓަކައި އެ ގައުމުތަކަށް އިންޒާރުދީ ބިރުދައްކައި ކޮންޓްރޯލް ކުރަނީ ވެސް އެމެރިކާ އެވެ.
އެމެރިކާއިން ކިތަންމެ އެހީއެއް ވެދިން ކަމަށް ވިޔަސް އިޒްރޭލަކީ ދުވަހަކު ވެސް އެމީހުން ބޭނުން ނޫން ގޮތަކަށް އެމެރިކާއަށް ބޯލަނބާލާނެ ބައެއް ނޫނެވެ. އިޒްރޭލްގެ ތާރީޚުގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު އެކަން ސާފުކޮށް ފެންނާން އޮނަނާނެ އެވެ.
އެމެރިކާގެ ފުރިހަމަ އެއްބާރުލުމާއެކު އިޒްރޭލުން ފަލަސްތީނަށް ހަމަލާ ދެމުންގެންދާއިރު ހަނގުރާމައަށް ފަހު ކަންތައް ކުރަން ވީގޮތާ މެދު ތަފާތު ވެފައިވާ ޚިޔާލު ތަފާތުވުންތަކުގެ ތެރެއިން އެމެރިކާއަށް އޮތީ ހަމައެކަނި އިޒްރޭލްގެ ވެރިކަން ބަދަލުވުމުގެ އެދުމެވެ. ދުނިޔޭގެ އެހެން ހުރިހާ ގައުމެކޭ އެއްފަދައިން އެމެރިކާއަށް ވެސް ޔަގީންވާ ގޮތުގައި ނަތަންޔާހޫގެ ލީޑަޝިޕުގެ ދަށުގައި ފަލަސްތީނުގެ ވަކި ދައުލަތެއް އުފެއްދުމަށް އިޒްރޭލުން އެއްބަހެއް ނުވާނެ އެވެ. ހަމަ އެފަދައިން އެމެރިކާއިން ބޭނުންވާ ގޮތަށް ގާޒާގެ ސަލާމަތީ ކަންތައް ވެސް އިޒްރޭލުން ދޫކޮށެއް ނުލާނެ އެވެ. އެހެންކަމުން އެމެރިކާއިން އުންމީދު ކުރަނީ ވީހާ ވެސް އަވަހަކަށް އިޒްރޭލްގެ ލީޑަޝިޕް ބަދަލުވާށެވެ. އޮކްޓޯބަރު 7 ގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާއަކީ ވެސް ނަތަންޔާހޫ އަށް އިޒްރޭލުގެ ސަލާމަތީ ކަންތަށް ބެލެހެއްޓުމުގައި ފެއިލްވުމުގެ ސަބަބުން ދެވުނު ހަމަލާއެއް ކަމަށް އެމެރިކާ އިން ގަބޫލުކުރެ އެވެ.
އެމެރިކާއިން އިޒްރޭލްގެ ވެރިކަން ފުރޮޅިގެން ދިއުމަށް އެދޭކަން ޚުދު ނަތަންޔާހޫ އަށް ވެސް އެނގެ އެވެ. ހަނގުރާމަ ހުއްޓުމާއެކު ގޮނޑީގައި ހުރެވޭނެކަމުގެ ޔަގީން ކަމެއް ނެތެވެ. އެހެންކަމުން ހަނގުރާމަ ދަންމާލުމަކީ އޭނާގެ އެންމެ ބޮޑު ބޭނުމެވެ. ގައުމުގެ އެތެރޭގެ މައްސަލަތަކުން ސަލާމަތްވުމަށްޓަކައި ފަލަސްތީނަށް ދޭ ހަމަލާތައް ދިގު ދަންމާލަމުން ގެންދާއިރު، ނަތަންޔާހޫ ހިތާހިތުން އެދެމުން ދަނީ އެމެރިކާގެ ވެރިކަން ބަދަލުވުމަށެވެ.
ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ކާމިޔާބު ލިބުމަކީ ނަތަންޔާހޫ އެންމެ ދެކޭހިތްވާނެ ދުވަހެވެ. ފަލަސްތީނުގެ މައްސަލައިގައި ބޭރު ފުށުން އެންމެ ހަރުކަށިކޮށް ވާހަކަދައްކައި ނަތަންޔާހޫގެ ސިޔާސަތުތަކަށް އެންމެ ބޮޑަށް ތާއީދުކުރައްވާ ބޭފުޅަކީ ކުރީގެ ރައީސް ޓްރަމްޕެވެ. އެހެންކަމުން ހަނގުރާމައިގެ ވަގުތުގައި އެމެރިކާގެ ރައީސްކަމަށް ޑޮނަލަޑް ޓްރަމަޕް އައުމަކީ އިޒްރޭލަށް ލިބޭނެ ވަރަށް ބޮޑު ބާރަކަށް ވާނެ އެވެ.
ފަލަސްތީނުގެ ބިމުގައި ފަލަސްތީނަށް މިނިވަން ދައުލަތެއް އުފެދިގެން ނުވާނެ ކަމަށް ދެކޭ ނަތަންޔާހޫ، ގާޒާގެ ބިން ފަލަސްތީނުގެ ރައްޔިތުންގެ ބެލުމުގެ ދަށަށް ދޫކޮށްނުލައްވާނެ ކަމަށް ވިދާޅުވަމުން ދައްކަވާ އެންމެ ބޮޑު އެއް ބަހަނާއަކީ ފަލަސްތީނުގެ ލީޑަޝިޕް އެކަމަށް އެކަށީގެން ނުވާކަމުގެ ވާހަކަ އެވެ. އެގޮތުން މަހުމޫދު އައްބާސަކީ އުމުރުން މާދުވަސްވެފައި ހުންނެވި ބޭފުޅެއް ކަމަށް ވިދާޅުވެ ޒުވާން ޖީލަށް ލީޑަޝިޕް ހަވާލުކުރަން ވެސް ނަތަންޔާހޫ ވަނީ ގޮވައިލައްވާފަ އެވެ.
ގާޒާގައި ކުރެވެމުންދާ ހަނގުރާމަ ދިގުލައިގެން ގޮސްފައިވާއިރު އެ ހަނގުރާމަ ނިމޭނެ ގޮތަކާއި އެއަށްފަހު އަމަލުކުރާނެ ގޮތަކާ މެދު ހަނގުރާމައިގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ޚިޔާލު ތަފާތުވުން އުފެދިފައި މިވަނީ އިޒްރޭލްގެ އަނިޔާވެރިކަން ހައްދުފަހަނަޅައި ގޮސްފައިވާ ކަމަށް ދުނިޔެ އިއްތިފާގުވެފައިވާ ދަނޑިވަޅެއްގަ އެވެ. ހަނގުރާމައިގެ ނަތީޖާ އާމެދު އެމެރިކާ އާއި އިޒްރޭލާ ފަލަސްތީނުގެ ލީޑަޝިޕްގެ ޚިޔާލުތަފާތުވެ، ހަނގުރާމަ ދިގުދެމިގެން ދާއިރު އެފަރާތްތަކުން މިހާރު ދެކެން ބޭނުން ވަނީ އެއްބަޔަކު އަނެއް ބައެއްގެ ލީޑަޝިޕް ބަދަލުވާނެ ދުވަހެކެވެ.