ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ކެބިނެޓަށް ރުހުން ދިނުމުގެ މައްސަލައިގައި މިއަދަށް ތާވަލު ކުރި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ބައްދަލުވުން ކޯރަމް ހަމަނުވުމުގެ ސަބަބުން ކެންސަލްކޮށްފި އެވެ.

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މައްސަލައިގައި ކޮމިޓީން ރިޕޯޓު ފާސްކުރީ ގަވައިދާއި އެއްގޮތަށް ނޫންކަމަށް ނިންމައި އެ ރިޕޯޓު އަނބުރާ ފޮނުވާލާފައި ވަނީ މި މަހުގެ 18 ގަ އެވެ.

އެގޮތަށް ނިންމާފައި ވަނީ ވަޒީރުންނަށް ރުހުން ދިނުމުގެ ކުރިން ވުޒާރާތަކުގެ މެންޑޭޓު ފާސްކުރުމަށް ސަރުކާރުން ހުށަހަޅާފައި ނުވާކަމަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ހުށަހެޅުއްވި ނިޒާމީ ނުކުތާއަށް އެހެން މެމްބަރުން ވެސް ތާއީދުކުރުމުންނެވެ.

އެހެންވެ އެކަމާއި ގުޅޭގޮތުން ކޮމިޓީ ބައްދަލުވުމެއް މިއަދުގެ ހެނދުނު 9:00 ބޭއްވުމަށް ހަމަޖެހިފައިވާކަން މަޖިލިސް އިދާރާއިން ރޭ މީޑިއާތަކަށް އެންގި އެވެ. އެކަމަކު އެ ބައްދަލުވުން 9:30 ވުމާއި ގާތްވެފައި ވަނިކޮށް މަޖިލީހުން ވަނީ ކޮމިޓީ ކެންސަލް ކުރިކަން އަންގާ މެސެޖެއް ފޮނުވާފަ އެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުން ކެންސަލް ކުރަން ޖެހުނީ، ކޯރަމް ހަމަވާ މިންވަރަށް މެމްބަރުން ނެތުމުގެ ސަބަބުންނެވެ.

މިކޮމެޓީއަކީ އެމްޑީޕީގެ އަގުލަބިއްޔަތު އޮންނަ ކޮމެޓީއެކެވެ.

މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ މީގެކުރިން ބޭއްވި ބައްދަލުވުމުގެ ތެރެއިން

ރައީސް އޮފީހުން ވަނީ މިދިޔަ ހަފުތާގައި، މިނިސްޓްރީތަކުގެ މެންޑޭޓުގައި ހިމެނޭ ކަންކަން މަޖިލީހުގެ އިދާރާއަށް ފޮނުވައިފަ އެވެ.

އެމްޑީޕީ ޕީޖީ ތެރޭގައި ބައެއް މެންބަރުން ގެންދަވަނީ ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް ބާރުއަޅައި ވާހަކަ ދައްކަވަމުންނެވެ. އަދި މަޖިލީހުގެ މި އަހަރުގެ މި ހިނގާ ތިން ވަނަ ދައުރުގެ ތެރޭގައި ވަޒީރުންނަށް ރުހުން ދިނުމާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށްޓަކައި، މި މަހުގެ 28ގެ ނިޔަލަށް ޖަލްސާތައް ކުރިއަށް ގެންދިޔުމަށްވަނީ ނިންމާފަ އެވެ.