ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން "ގަނެ ވިއްކުމުގެ" ކުޅިވަރު ފައްޓަވާފައިވާ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު މީކާއީލް އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނަށާއި ނޫސްތަކަށް ބިރު ދެއްކުމުގެ ގޮތުން ސަރުކާރުން މިހާރު ފަށާފައިވާ އޮންލައިން ނޫސްތައް ބްލޮކް ކުރުމުގެ ސިލްސިލާ މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލައި މަޖިލިހަށް ހުށަހެޅި ކުއްލި މައްސަލަ އަށް ބަހުސް ކުރައްވަމުން މީކާއިލް ވިދާޅުވީ އެމްޑީޕީގެ މެމްބަރުން ރައްޔިތުންނަށްވި އެންމެ ބޮޑު އެއް ވައުދަކީ ޕާޓީ ބަދަލު ނުކުރާނެ ކަމުގެ ވައުދު ކަމަށެވެ.

"އެ އިގްރާރާއި އެ ވައުދާއި އިތުބާރާ އެކުގައި ރައްޔިތުން ވޯޓު ދިނީ. ނަމަވެސް ރައީސް މުއިއްޒު، އެމަނިކުފާނުގެ ފުރަތަމަ މަހުގައި ވެސް މި ހަޑިމުޑުދާރު ކުޅިވަރު، މެމްބަރުން ގަނެ ވިއްކާ ރައްޔިތުންގެ މަޖިލިސް ހަރާބުގެ މަގަށް ގެންދިއުމުގެ ކުޅިވަރު ފައްޓަވައިފި ކަމުގެ މަލަމަތި ވެސް އެމަނިކުފާނު ދައްކަވައިފި،" މަޖިލިހުގެ އެންމެ ޒުވާން އެއް މެމްބަރު ވިދާޅުވި އެވެ.

މީކާއިލް ވިދާޅުވި ގޮތުގައި މި ފަސް އަހަރު މިގޮތަށް ނިންމާލައިފި ނަމަ، ރާއްޖެ ހޯދައި ނުފެންނާނެ އެވެ.

މީކާއީލް މިހެން ވިދާޅުވި އިރު، މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) ވަނީ، ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓް ހޯދުމަށް ޕާޓީ ތެރޭގައި އުފެދުނު ވާދަވެރި ކަމާ ހެދި މައްސަލަ ހޫނުވެ، މިދިޔަ ހޯމަ ދުވަހު އެމްޑީޕީން ވަކިވެވަޑައިގެންފަ އެވެ. އޭނާ ވަރަށް އަވަހަށް ޕީއެންސީ އަށް ސޮއިކުރައްވާނެ ކަމަށްވެ އެވެ.

އޭގެ އިތުރުން، އެމްޑީޕީގެ ވަރަށް ގިނަ މެމްބަރުންތަކެއް ވެސް ޕީއެންސީ އަށް ސޮއިކުރައްވަން ނިންމަވާފައިވާ ކަމަށްވެ އެވެ.

މީކާއިލް ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ވެވަޑައިގެންނެވި ހުރިހާ ވައުދަކާ ހިލާފުވެވަޑައިގަންނަވަމުންދާ ކަމަށެވެ. އެގޮތުން ގައުމުގެ ސިޔާދަތާއި މިނިވަންކަން ގެއްލިގެންދާ ވާހަކަ ދައްކައިގެން ކެމްޕޭން ކުރައްވާފައި، 99 އަހަރަށް ރާއްޖޭގެ އެތައް ބިމެއް ދޭން މިހާރު ދީފައިވާ ކަމަށް ވެސް މީކާއިލް ވިދާޅުވި އެވެ.

މިދިޔަ ސަރުކާރުގައި ކޮތަޅުން ޓެކްސް ނަގަން ފެށުމުން އެކަމާ ދެކޮޅަށް ވާހަކަ ދެއްކުމަށް ފަހު މިހާރު "ކޮތަޅު ޓެކްސް ވަރެއް ނެތް" ކަމަށާއި އިންޑިއާ ސިފައިން މިތާ ތިބުންވެސް ސަރުކާރަށް ވަރިހަމަ ވެފައިވާ ކަމަށް މީކާއިލް ވިދާޅުވި އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފޮޓޯ ޖަހައިގެން ވެރިކަމަށް އައި ނަމަވެސް، މިހާރު އެމަނިކުފާނު އަނބުރާ ޖަލަށް ގެންދަން އުޅޭ ކަމުގެ މަލަމަތި ފެންނަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.