މޫސުން ގޯސްވުމުގެ ސަބަބުން މޫސުމާބެހޭ ގައުމީ އިދާރާ އިން ނ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ރީނދޫ އެލާޓް ނެރެފި އެވެ.

ރާއްޖެއަށް މޫސުން ގޯސްވެ މޫސުމާއި ބެހޭ ގައުމީ އިދާރާއިން ރާއްޖޭގެ ބޮޑުބަޔަކަށް ރީނދޫ އެލާޓް ނެރެފައިވަނީ ނ.އަތޮޅުން ފެށިގެން ލ.އަތޮޅަށެވެ.

މެޓް އޮފީހުން މި ސަރަހައްދަށް ރީނދޫ ސަމާލު ނެރެފައިވަނީ 1:00 އިން 5:00 އަށެވެ. މި ވަގުތުގައި މި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ވަނީ ލަފާކޮށްފަ އެވެ. އަދި ވިލާގަނޑުގައި ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވެ ކަނޑުތައްވެސް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ މި ވިއްސާރައިގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް ބޯކޮށް ވާރޭ ވެހި ވައި ގަދަވާނެތީ ހުރިހާ ފަރާތްތަކުން، މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

އެންމެ ބޯކޮށް ވިލާ ދައްކަނީ މެދުރާއްޖެ ތެރެއާއި އުތުރުގެ ރަށްތަކަށް ކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ. އެހެންކަމުން ބޯކޮށް ވިއްސާރަ ކުރާނީ މި ސަރަހައްދުތަކަށް ކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ. ނަމަވެސް ދެކުނުގެ ރަށްތަކަށް ވެސް ވިއްސާރަ ކުރާނެކަމަށް މެޓް އޮފީހުން ބުނެ އެވެ.

ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ރާއްޖެއަށް މިހާރު ކުރަމުން މިދާ ވިއްސާރައަކީ މޫސުމީ ވިއްސާރައެއް ކަމަށާއި، ވިއްސާރަ ދެން ދާނީ އަލިވާން ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ. އެގޮތުން އަންނަ މަހުގެ ކުރީކޮޅު ވިއްސާރަ އަލިވާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފަ އެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ ވިއްސާރާގައި ގެއްލުން ލިބުނުކަމުގެ ރިޕޯޓުތައް މާލޭގެ އިތުރުން ފ. ނިލަންދު އާއި ކ. ގުރައިދު އާއި ލ. ގަމާއި އެ ރަށާ ގުޅިފައި އޮންނަ ފޮނަދޫ އަދި އައްޑޫ މަރަދޫ އިން މިހާތަނަށް ލިބިފައިވާ ކަމަށެވެ.

ފެން ބޮޑުވުމުން ސިފައިންނާއި ފުލުހުން އަދި ކައުންސިލްތައް ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށާއި މާލޭގެ ބައެއް ގޭގައި ފެންބޮޑުވެފައިވާތީ ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ވެސް ސިޓީ ކައުންސިލްގެ އެހީތެރިކަމާއެކު ކުރަމުންނެވެ.