ރާއްޖެ އިން މީހުން ހައްޖަށް ގެންދިއުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއި ކުރެއްވުމަށް އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ސައުދީ އަރަބިއްޔާ އަށް ފުރާވަޑައިގެންފި އެވެ.

ޝަހީމް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ދަތުރަކީ ސައުދީގެ ހައްޖާ ގުޅޭ މިނިސްޓަރު ތައުފީގް ބިން ފައުޒާގެ ދައުވަތަކަށް ހައްޖު އެންޑް އުމްރާ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ކަމަށެވެ.

އޭގެއިތުރުން ރާއްޖޭގެ އިސްލާމިކް މިނިސްޓްރީ އާއި ސައުދީގެ ހައްޖު މިނިސްޓްރީއާއެކުގައި ދެމެދު ވެވޭ ހައްޖު އެންޑް އުމްރާ ސާވިސް އެއްބަސްވުމުގައި ސޮއިކުރަން ހަމަޖެހިފައިވާ ކަމަށް ޝަހީމް ވިދާޅުވި އެވެ.

ހައްޖު އެންޑް އުމްރާ ކޮންފަރެންސަކީ ސައިންޓިފިކް ސެޝަންތަކާއި، ވޯކްޝޮޕްތަކާއި، ތަމުރީނު ސެމިނާތައް ހިމެނޭގޮތަށް ބާއްވަމުން އަންނަ ބައިނަލްއަގްވާމީ ކޮންފަރެންސެކެވެ. މި ފަހަރުގެ ކޮންފަރެންސް ކުރިއަށްދާނީ މި މަހުގެ 8 އިން 11 ވަނަ ދުވަހުގެ ނިޔަލަށް ސައުދީގެ ޖިއްދާގަ އެވެ.

ރާއްޖެ އަށް ކޮންމެ އަހަރަކު ލިބޭ 1،000 ހައްޖު ކޯޓާގެ އިތުރުން 1،000 ކޯޓާ ހަމަޖެއްސުމާއި ހައްޖާއި އުމްރާއާ ގުޅޭ މަސައްކަތްތައް ހަރުދަނާކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.