ބޭރު ގައުމުތަކުން ރާއްޖެއަށް ލިބިފައިވާ ސްކޮލާޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު އާންމުކޮށްފި އެވެ. މި ފުރުސަތުތަކަކީ ތަފާތު ދާއިރާތަކުން ފުރަތަމަ ޑިގްރީން ފެށިގެން ޕީއެޗްޑީއާ ހަމައަށް ކިޔެވުމަށް ދިވެހި ދަރިވަރުންނަށް ލިބިފައިވާ ރަނގަޅު ފުރުސަތުތަކެކެވެ.
މި ފަހަރު ސްކޮލާޝިޕް ފުރުސަތުތައް ފަހިވެފައިވަނީ މިސްރު، އިންޑިއާ، ޕާކިސްތާނު، ތައިލެންޑް، މޮރޮކޯ އަދި އަޔަލެންޑުންނެވެ.
މިސްރުގެ މަޝްހޫރު އަޒްހަރު ޔުނިވާސިޓީން ޝަރީއާ އެންޑް ލޯގެ ދާއިރާއިން 5 ފުރުސަތު އަދި ސައިންސާއި ހިސާބު ފަދަ ދާއިރާތަކުން 17 ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. މި ކޯސްތަކަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީހަކީ އަންނަ މަހުގެ 6 ވަނަ ދުވަހެވެ. އިންޑިއާގެ މަރްވާޑީ ޔުނިވާސިޓީން "ސްކޮލާޝިޕް އިންޑިއާ 2026" ގެ ދަށުން ޑިޕްލޮމާއިން ފެށިގެން ޕީއެޗްޑީއާ ހަމައަށް ކިޔެވުމުގެ ފުރުސަތު ދީފައިވާއިރު، މީގެ ސުންގަޑިއަކީ އަންނަ ހުކުރު ދުވަހެވެ.
ޕާކިސްތާނުގެ އައްލާމާ މުހައްމަދު އިގުބާލް ޔުނިވާސިޓީން ވަނީ އިންޖިނިއަރިން، އައިޓީ، ބިޒްނަސް އަދި އެގްރިކަލްޗާ ހިމެނޭހެން 7 ދާއިރާއަކުން ބެޗްލާސް ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ހުޅުވާލާފަ އެވެ. މި ފުރުސަތަށް އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އެޕްލައި ކުރެވޭނެއެވެ. މީގެ އިތުރުން މޮރޮކޯއިން ވަނީ އެކި ފަންތިތަކުން ޖުމުލަ 20 ސްކޮލާޝިޕެއް ދިވެހި ދަރިވަރުންނަށް ހުށަހަޅާފަ އެވެ. އޭގެ ތެރޭގައި 10 ޑިގްރީ ފުރުސަތާއި، 5 މާސްޓާސް އަދި 5 ޕީއެޗްޑީ ފުރުސަތު ހިމެނެއެވެ. މޮރޮކޯގެ ފުރުސަތުތައް އަންނަ ބުރާސްފަތި ދުވަހަށް ބަންދުވާނެއެވެ.
ތައިލެންޑުން މާސްޓާސް އަށް ކިޔެވުމުގެ ފުރުސަތު އަންނަ މަހުގެ ނިޔަލަށް އޮތްއިރު، އަޔަލެންޑުން މާސްޓާސް އަށް ކިޔެވުމަށް ހުޅުވާލި ފުރުސަތުގެ މުއްދަތު މިއަދަށް ހަމަވާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
މި ހުރިހާ ސްކޮލާޝިޕްތަކަކަށް ވެސް ޝައުގުވެރިވާ ދަރިވަރުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ "ކުރި" ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމަށް އެ މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ. ސަރުކާރުގެ އަމާޒަކީ ދިވެހި ޒުވާނުންނަކީ ތައުލީމީ އަދި ހުނަރުވެރި ބަޔަކަށް ހެދުމެވެ.
އަމީނީ މަގުގައި އަލުން ތާރު އެޅުމުގެ މަސައްކަތް ފަށަނީ
ނުރައްކާތެރިކޮށް ސައިކަލު ދުއްވި ތިން މީހުން ޖޫރިމަނާކޮށްފި
މީހުންގެ ތެރޭގައި ވެސް އެކަނިވެރިކަން އިހުސާސް ވޭތަ؟