ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި ބޭއްވުމުގެ ސިލްސިލާ އަދިވެސް ނިމިފައި ނުވާތީ އެކަމާ ހިތާމަ ކުރައްވާ ކަމަށާއި މިއީ މިނިވަން ޖުޑިޝަރީއަކަށް ދިވެހިން ކުރި އުންމީދަށް ކިލަނބުކަން އައި ކަމެއް ކަމުގައި ޔާމީންގެ ތާއީދާ އެކުގައި މާލޭގެ މޭޔަރު ކަމަށް އަމިއްލަ ގޮތުން ވާދަކުރައްވާ ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.

ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން 11 އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމް ކުރީ ޑިސެމްބަރު 25، 2022 ގަ އެވެ. އެ ހުކުމް މިދިޔަ އަހަރުގެ ކުރީކޮޅު ހައި ކޯޓުގައި އިސްތިއުނާފްކޮށްފައިވާ އިރު، އެ މައްސަލައިގައި މިހާތަނަށް އައިއިރު، އެ ކޯޓުން ހުކުމަކާ ހަމައަށް ވާސިލްވެފައެއް ނުވެ އެވެ.

އެ މައްސަލައިގެ އަޑުއެހުންތައް ނިމި ހުކުމަކާ ހަމައަށް ގޮސްފައި އޮންނަތާ މިހާރު އެތައް ދުވަހެއްވެއްޖެ އެވެ. މި މައްސަލައިގައި ހައި ކޯޓުގައި އެންމެ ފަހުން އަޑު އެހުމެއް ބޭއްވީ މިދިޔަ ނޮވެމްބަރު 21 ގަ އެވެ.

ހައި ކޯޓުގެ ބޭރުގައި މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ހުސެއިން ވަހީދު ވިދާޅުވީ 2018 ވަނަ އަހަރު ވެރިކަން ބަދަލުވެގެން އައި ފަހުން، އިންތިހާބުތަކާ ދިމާކޮށް ޔާމީން ޖަލުގައި ބެހެއްޓުމުގެ ސިލްސިލާ އަށް ނިމިގެން ނުދާ ތަން ފެންނަމުންދާ ކަމަށެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން ބަދަލުވެ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމެއް ރާއްޖޭގައި ގާއިމުވެފައި އޮތް ކަމުގައި ވިޔަސް ފެންނަމުން ދަނީ ހަމަ އެއް މަންޒަރެއް ކަމުގައި އޭނާ ވިދާޅުވި އެވެ.

"ވެރިކަން ބަދަލުވުމުގެ ހިތްހަމަޖެހުން ލިބިއްޖެ. އެކަމަކު، އެއިން އެއްވެސް ކަމެއް ބަދަލުވަމުންދާ ތަން ނުފެނިދާ ކަމަކީ އަޅުގަނޑު ހިތާމަ ކުރާ ކަމެއް. 2018 ވަނަ އަހަރު ވެރިކަން ބަދަލުވެ 2019 ވަނަ އަހަރު ވެސް ފެނިގެން ދިޔައީ މިކަހަލަ އަމަލުތަކެއް،" ސޯލިހްގެ ވެރިކަން ބަދަލުވި ފަހުން ބޭއްވި މަޖިލިސް އިންތިހާބާއި ލޯކަލް ކައުންސިލް އިންތިހާބާއި ރިޔާސީ އިންތިހާބުގައި ވެސް ޔާމީން ޖަލުގައި ހުންނެވި ކަން ފާހަގަ ކުރައްވަމުން ހުސެއިން ވަހީދު ވިދާޅުވި އެވެ.

ހުސެއިން ވަހީދު ވިދާޅުވި ގޮތުގައި އޭރު ދެއްކި ވާހަކައަކީ ކޮންމެ އިންތިހާބަކާ ދިމާކޮށް ރައީސް ޔާމީން ހައްޔަރު ކުރި ވާހަކަ އެވެ. އެކަމާ ހެދި، އިންތިހާބުތަކުގެ ކެމްޕެއިންތަކުގައި ޔާމީންގެ ބައިވެރިވުމެއް ނުފެނުނު ކަމުގައި އޭނާ ވިދާޅުވި އެވެ.

ރައީސް ޔާމީންގެ މަސައްކަތުން ގެނައި ސަރުކާރެއްގައި މި ފެންނަނީ ވަރަށް އިންސާފުން ބޭރުން، އަމަލުތައް ކުރަމުންދާ ތަން ކަމުގައި ހުސެއިން ވަހީދު ވިދާޅުވި އެވެ.

"އިންތިހާބުތަކެއް ކުރިއަށް އޮތީތީ، ސަރުކާރުގެ ކޮންމެވެސް ހިސާބަކުން ބައިވެރިވުމަކާ އެކު މައްސަލަތަކުގެ ޝަރީއަތްތައް ލަސް ކުރަމުންދާ ތަން (މި ފެންނަނީ). 2019 ވަނަ އަހަރު ވެސް ފެނިގެން ދިޔައީ ދާދި މިކަހަލަ މަންޒަރެއް. މި އަހަރު ވެސް މި ފެންނަނީ ދާދި އެކަހަލަ މަންޒަރެއް،" ހުސެއިން ވަހީދު ވިދާޅުވި އެވެ.

މިއީ ރާއްޖޭގެ ރައްޔިތުން މިނިވަން ޖުޑިޝަރީއަކަށް ކުރި އުންމީދަށް ކިލަނބުކަން ލިބިގެން ދިޔަ ކަމެއް ކަމަށް ވެސް ހުސެއިން ވަހީދު ވިދާޅުވި އެވެ. އަދި އުންމީދަކީ ހައި ކޯޓުގައި ވީ އެންމެ އަވަހަކަށް ހުކުމް ކުރުމުގެ މަޖިލިސް ބާއްވައި ރައީސް ޔާމީން މިނިވަންކޮށް ރައްޔިތުންނާ ބައްދަލުވާނެ ގޮތް ހަމަޖެހުން ކަމުގައި ހުސެއިން ވަހީދު ވިދާޅުވި އެވެ.