އިންޑިއާއާއި ރާއްޖެއާ ދެމެދު މިހާރު ޖެހިފައިވާ މައްސަލާގައި އެ ގައުމުގެ މަޝްހޫރު އަދި ނުފޫޒު ގަދަ މީހުން އަންނަނީ ސޯޝަލް މީޑިއާގައި އިންޑިއާއާ އެއްކޮޅަށް ވާހަކަ ދައްކަމުންނެވެ.
ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓްކޮށް އިންޑިއާގެ ޖަޒީރާ ފަތުރުވެރިކަން ކުރިއެރުވުމަށް ގޮވާލައި އެ ގޮވާލުންތަކުގައި އެންމެ ފާހަގަ ކޮށްލެވޭ އެއް ކަމަކީ އިންޑިއާ މީހުންނަށް ވެސް އެމީހުންގެ ގައުމު ވަކިކުރަން ނޭނގުމެވެ.
އެގޮތުން ބޮލީވުޑްގެ އެކްޓަރު ރަންވީރު ސިންހް މިކަމާ ބެހޭ ގޮތުން އެކްސްގައި ހިއްސާކޮށްފައިވަނީ 2016 ވަނަ އަހަރު ނަގާފައިވާ ދިވެހި ރާއްޖޭގެ ފޮޓޯ އެކެވެ. އާއްމުން އެކަން ފާހަގަ ކުރުމުން ރަންވީރު ވަނީ ފަހުން އެ ފޮޓޯ ޑިލީޓު ކޮށްފަ އެވެ.
މީގެ އިތުރުން ވެސް އިންޑިއާގެ ކެބިނެޓުގައި ހިމެނޭ ޔޫނިއަން މިނިސްޓަރު ކިރަން ރިޖީޖޫ ލަކްޝަދީޕް ޕްރޮމޯޓް ކުރަން ހިއްސާކޮށްފައިވަނީ ބޯރާ ބޯރާގެ ފޮޓޯއެކެވެ.
ގައުމިއްޔަތު ކަމަށް ވަކާލާތު ކުރާއިރު ނުފޫޒު ގަދަ ޝަހްސިއްޔަތުންނަށް އަމިއްލަ ގައުމު ވަކިކުރަން ނޭނގުމުން އިންޑިއާގެ އާއްމުން ވެސް އަންނަނީ އެ ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.