މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަމަށް ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުން ވެސް މިއަދު ވޯޓުލައްވައިފި އެވެ.

މާލޭގެ މޭޔަރުގެ އިތުރުން މާފަންނު ދެކުނު ދާއިރާ އާއި ހެންވޭރު ދެކުނު ދާއިރާ އާއި މެދުހެންވޭރު ދާއިރާގެ މެންބަރު ކަމަށް ކެންޑިޑޭޓަކު އިންތިހާބު ކުރުމާއި މ. މުލަކު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި އިލެކްޝަންގެ ވޯޓުލުން ފެށިފައިވާ އިރު، މިހާތަނަށް އައިއިރު ވޯޓުލާފައި ވަނީ 4،000 އަށް ވުރެ ގިނަ މީހުންނެވެ. މިއީ ވޯޓުލީ މީހުންގެ ނިސްބަތުން ބަލާ ނަމަ، %7 މީހުންނެވެ.

މި ބައި އިލެކްޝަންގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުން ވެސް ވަނީ ވޯޓުލައްވައިފަ އެވެ.

މާލޭގެ މޭޔަރު ކަމަށް ވާދަ ކުރައްވަނީ ވެރިކަންކުރާ ޕީއެންސީގެ ފަރާތުން ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރާއި އިދިކޮޅު އެމްޑީޕީގެ ފަރާތުން އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް އާއި ޑިމޮކްރެޓްސްގެ ފަރާތުން ކައުންސިލްުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު ސައިފް ފާތިހް (އައިކޮ) އާއި އަމިއްލަ ގޮތުން ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެން ވަހީދާއި ޝުއައިބު އަލީ އެވެ.

މި އިންތިހާބުގައި ޖުމްލަ 56،002 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ. އެއީ 28،621 ފިރިހެނުންނާއި 27،381 އަންހެނުންނެވެ.

މާލޭގެ މޭޔަރުކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމާ ގުޅިގެންނެވެ. މާފަންނު ދެކުނު ދާއިރާ އާއި ހެންވޭރު ދެކުނު ދާއިރާ އާއި މެދުހެންވޭރު ދާއިރާގެ ގޮނޑި ހުސްވީ އެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ސަރުކާރުގެ މަގާމުތަކަށް ވަޑައިގަތުމުންނެވެ.