ކޮވިޑް ޖެހިގެން ޔޫއޭއީގެ ދުބާއީގައި ފަރުވާދެމުންގެންދިޔަ ދިވެއްސަކު މިއަދު މަރުވެއްޖެ އެވެ.

"ހުރިހާ"އަށް އެނގިފައިވާ ގޮތުގައި ކޮވިޑް ޖެހިގެން ދުބާއީގައި މަރުވީ އެޗްޑީސީގައި މަސައްކަތްކުރާ އަބްދުﷲ އިޔާދު އަހުމަދު، 39 އެވެ.

އިޔާދު އާއި އަންހެނުން ދުބާއީއަށް ދިޔައީ އޭނާގެ އެކުވެރިއެއްގެ ކައިވެނި ޕާޓީއަކަށް ކަމަށްވެ އެވެ. އެ ދަތުރުގައި ގޮސް އުޅެނިކޮށް ކޮވިޑް ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓްކުރިތާ މިހާރު ތިން ހަފުތާއެއްހާ ދުވަސްވެދާނެ ކަމަށްވެ އެވެ.

ދުބާއީގައި ކޮވިޑަށް ފަރުވާދޭ ހޮސްޕިޓަލެއްގައި އިޔާދު އެޑްމިޓްކުރި ފަހުން އޭނާގެ ހާލު ދިޔައީ ދަށްވަމުން ކަމަށްވެ އެވެ. އަދި އޭނާ މަރުވިއިރު އަންހެނުންގެ އިތުރުން، އާއިލާގެ ބައެއް މީހުން ވެސް ވަނީ ދުބާއީއަށް ގޮސްފަ އެވެ.

މިދިޔަ ސްކޫލް ބަންދުގައި ގިނަ އަދަދެއްގެ ދިވެހިން ޗުއްޓީ ހޭދަކުރަން ދުބާއީއަށް ގޮސްފައިވެ އެވެ. އަދި އޭގެ ތެރެއިން ބައެއް މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން އެނގިފައިވެ އެވެ.

މި ބަލީގައި ރާއްޖޭގައި މިހާތަނަށް 54 މީހަކު ވަނީ މަރުވެފަ އެވެ. މިއީ މި ބަލީގައި ރާއްޖެއިން ބޭރުގައި ދިވެއްސަކު މަރުވި ފުރަތަމަ ފަހަރެވެ.