ދުނިޔޭގެ ފަތުރުވެރިކަން ކުރިއަރަމުން އަންނައިރު ފަތުރުވެރިންގެ ސަމާލުކަން ހޯދުމަށްޓަކައި އެކި ކަހަލަ ޚިދުމަތްތައް އަންނަނީ ތައާރަފް ކުރެވެމުންނެވެ. އޭގެ ތެރޭގައި އާދަޔާޚިލާފު ކަންކަން ވެސް ހިމެނެ އެވެ.

މިފަހަރު މިއޮތީ އެކަހަލަ ކަމެކެވެ. ދައްކަން މިއުޅެނީ ފަތުރުވެރިންނަށްޓަކައި ބިމުގެ އެތައް ސަތޭކަ ފޫޓެއް އަޑީގައި ހަދާފައިވާ "ލަގްޒަރީ" ހޮޓަލެއްގެ ވާހަކަ އެވެ.

އިނގިރޭސި ވިލާތުގެ އުތުރު ވޭލްސްގައިވާ ސްނޯޑޯނިއާ ފަރުބަދަތަކުގެ އަޑީގައި ހަދާފައިވާ މި ހޮޓެލް ހުންނަނީ ބިމުގެ 1375 ފޫޓު އަޑީގަ އެވެ.

"ހޮޓެލް ޑީޕް ސްލީޕް" ނަމަކަށް ކިޔާ އެ ހޮޓެލްގައި ޖުމްލަ ހަތަރު ކޮޓަރިއެއް ހުންނައިރު ކޮންމެ ކޮޓަރިއެއްވެސް އެއް ހަފްތާގެ މުއްދަތަށް ކުއްޔަށް ދެވެ އެވެ.

މި ހޮޓަލަށް ދިއުމަށްޓަކައި ފަތުރުވެރިން ޖެހެނީ ސްނޯޑޯނިއާގެ ފަރުބަދަތަކުގެ ތެރެއިން ހިނގާފައި "ޓްރެކް" ކުރާށެވެ. ގާތްގަނޑަކަށް ގަޑިއިރެއްހާއިރު ހޭދަވާ މި ޓްރެކްގެ ތެރެއިން ފަތުރުވެރިންނަށް އެ ސަރަަހައްދާ ގުޅޭ ތާރީހީ މައުލޫމާތުވެސް ދެވެ އެވެ.

އެ ހޮޓެލް ހިންގާ ކުންފުނިން ބުނާ ގޮތުގައި ހޮޓަލުގެ ތަފާތުކަމާއެކު ވެސް އެ ތަނުގެ ވިޔަފާރި ވަރަށް ރަނގަޅެވެ. ހަމައެއާއެކު އެހޮޓެލްގެ މެހެމާނުން އެތަނާމެދު ވަރަށް ހިތްހަމަޖެހޭ ކަމަށްވެސް އެކުންފުނިން ބުނެފައިވެ އެވެ.