ގއ. ވިލިނގިލީގައި ހާލު ދެރަވެގެން މާލެ ގެނައުން ލަސްވި ކުއްޖާ މިއަދު މަރުވެއްޖެ އެވެ.

އައިޖީއެމްއެޗުން ބުނީ އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖާ މަރުވީ ހެނދުނު 11 ޖަހާކަން ހާއިރު ކަމަށެވެ. އެ ކުއްޖާ މަރުވީ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ.

އެނގިފައިވާ ގޮތުގައި އެ ކުއްޖާ އަށް ފަރުވާ ދިނުމަށް މާލެ ގެނައި އިރު ވެސް ހާލު ސީރިއަސް އެވެ. އެ ކުއްޖާގެ ސިކުނޑީގައި ޓިއުމަރެއް އުފެދި، ސިކުނޑި މަރުވެފައިވާ ކަމަށްވެ އެވެ.

ނަމަވެސް އާއިލާ އިން ތުހުމަތު ކުރާ ގޮތުގައި އެ ކުއްޖާ މަރުވީ މާލެ ނުގެނެވި ލަސްވެގެންނެވެ. ކުއްޖާ މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާ ދޭން ފެށީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ވިލިނގިލި ހޮސްޕިޓަލުން ވަނީ އެ ކުއްޖާ ވީހާވެސް އަވަހަށް މާލެ ގެންދިއުމަށް ލަފާ ދީފަ އެވެ. ކުއްޖާ މާލެ ގެނައުން ލަސްވެގެން، ބުރާސްފަތި ދުވަހު ވިލިނގިލީގެ އާންމުން ނުކުމެ އަތޮޅު ހޮސްޕިޓަލް ކުރިމަތީގައި މުޒާހަރާ ވެސް ކުރި އެވެ. އަދި ރަށުގައި ހުރި ހޮސްޕިޓަލްގެ ނަން ބޯޑު ސިއްހީ މަރުކަޒުގެ ނަމަށް ވެސް ބަދަލުކޮށްފައިވެ އެވެ.

އެނގިފައިވާ ގޮތުގައި އެ ކުއްޖާ މާލެ ފުރުވާ ނުލެވި ލަސްވީ، އާސަންދައިގެ އެހީގައި ޗާޓަރު ފްލައިޓެއް ހަމަނުޖެހި ލަސްވުމުންނެވެ. ވިލިނގިލި ހޮސްޕިޓަލުން ކުރަންޖެހޭ ކަންކަން ނިންމިއަސް، މޯލްޑިވިއަން އެއާލައިންގެ ފްލައިޓު ކޫއްޑު އަށް ދިއުން ލަސްވެ، އިތުރު ފަރުވާ އަށް ކުއްޖާ ފޮނުވާލުން ލަސްވީ ކަމަށްވެ އެވެ.

މިކަހަލަ ކޭސްތަކުގައި އާންމުކޮށް އެމްއެންޑީއެފްގެ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު ބޭނުން ކުރެ އެވެ. އެކަމަކު، މި ސަރުކާރުން ވަނީ އެ އުޅަނދުތައް ބޭނުން ކުރުން ހުއްޓާލައިފަ އެވެ.