ކިންގް އޮފް ޕޮޕްގެ ނަމުން މަޝްހޫރުވެފައިވާ މައިކަލް ޖެކްސަންގެ ހަޔާތުގެ މައްޗަށް ހަދާ ފިލްމު 2025 ވަނަ އަހަރު ބެލުންތެރިންނާ ހަމައަށް އަންނާނެ ކަމަށް ހަބަރުތައް ބުނެފި އެވެ.

"މައިކަލް"ގެ ނަމުން ނަން ދެވިފައިވާ އެ ފިލްމުގެ މަސައްކަތް މިދިޔަ އަހަރުގެ ޖެނުއަރީ މަހު އިއުލާން ކުރެވުނުއިރު އޭގެ ފަހުން ފިލްމުގެ ބައެއް ތަފްސީލުތައް ވަނީ އާއްމު ކުރެވިފަ އެވެ.

އެގޮތުން ފިލްމުގައި މައިކަލްގެ ރޯލުން ފެނިގެންދާނީ ހުދު އޭނާއަށް ބޮޑުބޭބެ ކިޔާ ކުއްޖެއް ކަމަށްވާ ޖާފަރް ޖެކްސަން އެވެ. އެއީ މައިކަލްގެ ބޭބެ ޖެރްމައިން ޖެކްސަންގެ ދަރިއެކެވެ.

އެ ފިލްމުގައި މައިކަލްގެ ޒާތީ ހަޔާތާއި މިއުޒިކް ހަޔާތުގެ މުހިއްމު އުސްއަލިތަކަށް އަލިއަޅުވާލެވޭނެ ކަމަށް ހަބަރުތައް ބުނެ އެވެ.

ދުނިޔޭގެ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ މައިކަލް ޖެކްސަން މަރުވެފައި އޮއްވާ ފެނުނީ 2009 ވަނަ އަހަރުގެ ޖޫން މަހުގެ 25 ވަނަ ދުވަހު އެވެ.

އޭގެ ފަހުން އޭނާއަށް ޓްރިބިއުޓް ދިނުމުގެ ގޮތުން ދުނިޔޭގެ އެކި އާޓިސްޓުން ވަނީ އެކި ފަހަރު މަތިން ހުށައެޅުން ހުށައަޅައިދީފަ އެވެ.