ބ. އަތޮޅުގައި އޮންނަ އަނަންތަރާ ކިހަވަށް ރިސޯޓުގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ މުވައްޒަފުން ކޮވިޑަށް ޕޮޒިޓިވްވުން އެ ރިސޯޓަށް އަރައި ފޭބުން މަނާކޮށްފި އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އެ ރިސޯޓަށް އަންގާފައިވަނީ ފުރާ ޓޫރިސްޓުން ފިޔަވައި އެ ރިސޯޓުން އިތުރު އެއްވެސް މީހަކު ނުފޭބުމަށެވެ.

އަނަންތަރާ ކިހަވަށް ރިސޯޓުން މިހާތަނަށް 86 މީހަކު ޕޮޒިޓިވްވެފައިވެ އެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު މިރޭ ވިދާޅުވީ މިހާތަނަށް އެ ރިސޯޓުން 86 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، ހޮނިހިރު ދުވަހު ހަތަރު މީހުން އަދި އިއްޔެ ދެ މީހަކު ޕޮޒިޓިވްވި ކަމަށެވެ. އަދި އެރިސޯޓުން ގިނައިން ޕޮޒިޓިވްވެފައިވަނީ މުވައްޒަފުން ކަމަށާއި، ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވުނު 142 މީހުންނަކީ ވެސް މުވައްޒަފުން ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި މިދުވަސްވަރު ކޮވިޑް ފެތުރުން ވަރަށް ބޮޑަށް އިތުރުވެ، ރިސޯޓުތަކުން ވެސް ގިނަ އަދަދެއްގެ މުވައްޒަފުން ދަނީ ޕޮޒިޓިވްވަމުންނެވެ.

އެޗްއީއޯސީން ބުނީ ބަލީގެ އަލާމަތްތައް ހުންނަ މީހުން ތިބި ނަމަވެސް ބައެއް ރިސޯޓުތަކުގައި ޓެސްޓުނުކުރާ ކަމަށެވެ. އަދި މާލެއިން ބައެއް ރިސޯޓުތަކަށް މަސައްކަތްކުރަންދާ މުވައްޒަފުން ކަރަންޓީން ވާން ޖެހޭއިރު، ކަރަންޓީންގެ މުއްދަތު ހަމަނުކޮށް ވަޒީފާއަށް ނުކުންނަމުންދާ ކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް އެ ސެންޓަރުން ބުންޏެވެ.

އެޗްއީއޯސީން ބުނީ ބައެއް ރިސޯޓުތަކުގައި މުވައްޒަފުން އުޅޭ ސަރަހައްދުގައި މާސްކް އެޅުމާއި، ސޯޝަލް ޑިސްޓެންސްއަށް ނުބަލައި ވަރަށް ބޮޑަށް ފަރުވާކުޑަކުރަމުންދާ ކަމަށެވެ.