މިހާރު ކުރިއަށްދާ ބިގްބޮސްގެ 17 ވަނަ ސީޒަންގައި އާއްމުންގެ ސަމާލުކަން ހޯދަން އަންކިތާ ލޯކަންޑޭ އޭނާގެ ކުރީގެ ލޯބިވެރިޔާ ސުޝާންތު ސިންހް ރާޖްޕުތުގެ ނަން ބޭނުން ކުރާތީ އާއްމުންނާއި މީޑިއާގެ ފާޑުކިޔުން އޭނާއަށް އަމާޒުވެއްޖެ އެވެ.

އަންކިތާ ވަނީ ޝޯގެ އެކި ހިސާބުތަކުގައި އެކި ފަހަރުމަތިން ސުޝާންތުގެ ނަން ބޭނުންކޮށް އެ ދެމީހުންގެ މެދުގައި އޮތް ގުޅުމުގެ ވާހަކަ ދައްކާފަ އެވެ.

ސުޝާންތުއާ ގުޅުވައިގެން އަންކިތާ އެކިކަހަލަ ވާހަކަތައް ދައްކަނީ އާއްމުންގެ ތާއީދާއި ހަމްދަރްދީ ހޯދަން ކަމުގައި ބައެއް މީހުން ބުނަމުންދެ އެވެ.

މިކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން އަންކިތާ ބުނީ އަމިއްލަ ފައިދާއަށްޓަކައި ސުޝާންތުގެ ނަން އެގޮތަށް ބޭނުންކުރާހާ ދަށު ދަރަޖައަށް އޭނާ ނުވެއްޓޭ ކަމަށެވެ.

2020 ވަނަ އަހަރު މަރުވެފައި އޮއްވާ ފެނުނު ސުޝާންތުއާއި އަންކިތާގެ ގުޅުމަކީ ގިނަ ބައެއްގެ ސަމާލުކަން ހޯދި ގުޅުމެކެވެ. ސުޝާންތުގެ މަރަށްފަހު ވެސް އަންކިތާއަށް އާއްމުންގެ ސަމާލުކަން ލިބެނީ އެހެންވެ އެވެ.

ބިގްބޮސް 17ގެ ގްރޭންޑް ފިނާލޭއަށް ވަގުތު ކުޑަތަން ވެފައިވާއިރު ފިނާލޭގައި ވާދަކުރާނެ ކަމަށް ލަފާކުރެވެނީ އަންކިތާގެ އިތުރުން މުނައްވަރު ފާރޫގީއާއި އަބީޝޭކް ކުމާރު އެވެ.