ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން ފަށައިފި އެވެ.

މި އިންތިޚާބުގެ ވޯޓުލުން ފެށީ މިއަދު ހެނދުނު 10:00 ގަ އެވެ. ވޯޓުލުން ކުރިއަށްދާނީ ހަވީރު 5:00 އާ ހަމައަށެވެ.

ޕީޕީއެމް/ޕީއެންސީ ޕްރައިމަރީގައި ވާދަކުރުމަށް ހުޅުވާލި ފުރުސަތުގައި 296 މީހަކު ވަނީ އެކި ދާއިރާތަކަށް ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. މީގެ ތެރެއިން އެންމެ ފަރާތަކުން ޓިކެޓަށް އެދި ހުށަހަޅާފައިވާތީ 13 ފަރާތަކަށް ވަނީ އެ ދާއިރާތަކުގެ ޓިކެޓު ކަށަވަރުވެފަ އެވެ. އެހެންކަމުން ޕްރައިމަރީގައި ވާދަކުރަނީ 283 މީހުން ކަމަށާއި، އޭގެ ތެރޭގައި 32 އަންހެނުން ހިމެނޭކަމަށް އެ ކޯލިޝަނުން ވަނީ ބުނެފަ އެވެ.

ޕްރައިމަރީގައި ވޯޓުލުމަށް ރާއްޖޭގެ އެކި ރަށްތައް ހިމެނޭހެން ޖުމްލަ 227 ވޯޓު ފޮށި ވަނީ ބަހައްޓާފަ އެވެ.

މާލޭގައި ވޯޓުލުން ކުރިއަށްދާ ސަރަޙައްދުތައް:

  • ކަލާފާނު ސްކޫލް
  • ޖަމާލުއްދީން ސްކޫލް
  • ތާޖުއްދީން ސްކޫލް
  • ހެންވޭރު ދަނޑު

މި ސަރަޙައްދުތަކުގެ އިތުރުން ވިލިމާލެ ޔޫތު ސެންޓަރާއި، ހުޅުމާލެ ކާމިލް ދީދީ ސްކޫލާއި ރެހެންދި ސްކޫލުގައި ވެސް ވޯޓުފޮށިތައް ވަނީ ބަހައްޓައިފަ އެވެ. މާލޭގައި ބަހައްޓާފައިވާ ފޮށިތަކުގެ ތެރެިން ހެންވޭރު ދަނޑުގައި ބަހައްޓާފައިވަނީ މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުން ވޯޓުލުމަށް ޚާއްސަ ފޮށިތަކެވެ.

ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި މާލޭގައި ވޯޓުލުން ކުރިއަށް ދަނީ.

މި ޕްރައިމަރީގައި ޕީޕީއެމް/ޕީއެންސީގެ 71،597 މެންބަރުންނަށް ވޯޓުލުމުގެ އްހަގު ލިބޭ ކަމަށް އެ ކޯލިޝަނުން ބުންޏެވެ.

ވޯޓުލުން ނިމުމުން ކޮންމެ ފޮށްޓެއް ކައިރީގައި ވެސް ވަގުތީ ނަތީޖާ އިއުލާންކުރާނެ ކަމަށް ޕީޕީއެމް/ޕީއެންސީން ވަނީ ބުނެފަ އެވެ. އަދި ހަފްތާއެއްގެ ތެރޭގައި ރަސްމީ ނަތީޖާ އިއުލާންކުރާނެ ކަމަށް ވެސް އެ ކޯލިޝަނުން ބުންޏެވެ.

ޕީޕީއެމް/ޕީއެންސީން ބުނީ ޕްރައިމަރީ ކުރިއަށްދަނީ 73 ދާއިރާއެއްގައި ކަމަށެވެ. 13 ދާއިރާއެއްގެ ޓިކެޓް މިހާރު ކަށަވަރުވެފައިވާއިރު 3 ދާއިރާއަކަށް ވާދަ ނުކުރަން އެ ކޯލިޝަނުން ވަނީ ނިންމާފައެވެ. ވާދަނުކުރަން ނިންމީ ޖުމްހޫރީ ޕާޓީ އާއި އެމްއެންޕީއާއި އެމްޑީއޭގެ ލީޑަރުން ވާދަކުރައްވާ 3 ދާއިރާއަށެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވާފައި ވަނީ އަންނަ މާޗު މަހުގެ 17 ވަނަ ދުވަހު އެވެ. އެ އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ކެންޑިޑޭޓުން ފޯމު ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 30 އިން ފެށިގެން އީސީން ހުޅުވާލާނެ އެވެ.