ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވެރިކަން ކުރާ ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގައި ބައެއް ވޯޓުލާ މަރުކަޒުތަކުގައި މައްސަލަ ބޮޑުވެ ހަމަނުޖެހުން ހިނގައިފި އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއެއްގައި ފެންނަ ގޮތުގައި ކަލާފާނު ސްކޫލާއި ރެހެންދި ސްކޫލާއި އަދި ހެންވޭރުގައި ބަހައްޓައިފައިވާ ވޯޓު ފޮށި ހުރި ސަރަހައްދު ގައި ވަނީ ވަރަށް ބޮޑަށް ހަމަނުޖެހުމެއް ވަނީ ހިނގާފަ އެވެ.

އެގޮތުން މައުލޫމާތު ލިބިފައިވާގޮތުން ވޯޓު ލާ މީހުންގެ ލިސްޓުން ނަން އުނިކޮށްފައިވާ ކަމުގެ ތުހުމަތާއެކު ވަނީ ވަރަށް ބޮޑެތި ހަމަނުޖެހުން ތަކެއް ހިނގާފަ އެވެ. ވޯޓު ފޮށި ބައިންދާފައިވާ ސަރަހައްދުން ވޯޓު ފޮށި ނަގައި އާންމުންގެ މެދުގައި ވަރަށްބޮޑަށް ދެބަސްވުނަތަކެއް ހިނގާފައިވާ ކަން ފާހަގަ ކުރެވެ އެވެ.

އެ މަރުކަޒުގެ ހަމަނުޖެހުން ބޮޑުވުމުން ފުލުހުން ވެސް ވަނީ ހަރަކާތެރިވެފަ އެވެ.

ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި މާލޭގައި ވޯޓުލުން ކުރިއަށް ދަނީ. ޖުމްލަ 73 ދާއިރާއެއްގެ ވޯޓުލުން އޮންނަ އިރު، ދާއިރާތަކުން 283 ކެންޑިޑޭޓުން ވާދަކުރޭ... ފޮޓޯ: ހުރިހާ

ޕީޕީއެމް/ޕީއެންސީން ބުނީ ވޯޓުލާ މަރުކާޒުތަކުގައި ލިސްޓްގައި މައްސަލަތަކެއް ޖެހުނަށް މިހާރު ވޯޓުލުން ކުރިއަށްދާ ކަމަށެވެ.

މާލޭގައި ހަމަނުޖެހުން ހިންގި ނަމަވެސް، ރަށްރަށުގައި ޕްރައިމަރީގެ ވޯޓުލުން އަދި މިހާތަނަށް ކުރިއަށް ދަނީ ވަރަށް ސުލްހަވެރިކަމާ އެކު ކަމަށް ޕީޕީއެމް/ޕީއެންސީން ވަނީ ބުނެފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ އެ ކޯލިޝަންގެ މަޖިލިސް ޕްރައިމަރީގެ ވޯޓުލުން ފަށާފައިވަނީ 10:00ގަ އެވެ.

ޕީޕީއެމުން ބުނި ގޮތުގައި 73 ދާއިރާއެއްގެ ވޯޓުލުން މިއަދު ކުރިއަށްދާ ކަމަށާއި އެކި ދާއިރާތަކުން 283 ކެންޑިޑޭޓުން ވާދަކުރާ ކަމަށެވެ. މި އިންތިހާބުގައި 71،597 މީހުންނަށް ވޯޓުލެވޭނެ ކަމަށް ޕީޕީއެމުން ބުންޏެވެ.