ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށް ބަޔަކު ދިން ހަމަލާއާ ގުޅޭ ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސުވާލުކުރެއްވުމަށް ނިންމާފައިވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ޕީޖީ ޝަމީމަށް ދެ މީހަކު މިއަދު ހެނދުނު ހަމަލާ ދީފައި ވަނީ މަގުމަތިންނެވެ.

މި ހަމަލާ ކުށްވެރިކޮށް ރައީސް ސޯލިހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕީޖީ ޝަމީމަށް ދިން ހަމަލާއަކީ ސިޔާސީ މަގްސަދެއްގައި ބަޔަކު ހިންގި އަނިޔާވެރި އަމަލެއް ކަމަށެވެ. އަދި މިފަދަ އަމަލުތަކަށް ޑިމޮކްރެޓިކް ވެއްޓަކުން އެއްވެސް ޖާގައެއް ނޯންނާނެ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

މިކަމާއި ގުޅިގެން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އިހުސާން ވިދާޅުވީ ޕީޖީއަށް ދިން ހަމަލާއަކީ ސިޔާސީ މަގްސަދެއްގައި ދިން ހަމަލާއެއް ކަމަށް ކުރީގެ ރައީސް އިއުލާނު ކުރެއްވުމުން ދޭހަވަނީ އެ ހަމަލާގެ މަގްސަދާއި މީހުންނާ ބެހޭ އިތުބާރު ހުރި މައުލޫމާތެއް ކުރީގެ ރައީސަށް ލިބިވަޑައިގެންފައިވާނެ ކަމަށެވެ. އަދި އެ އިތުބާރުހުރި މައުލޫމާތުތައް މިހާރުން މިހާރަށް ފުލުހުންނާ ހިއްސާކުރުމަށް ރައީސް ސޯލިހުގެ އަރިހުން އިހުސާން ވަނީ އެދިވަޑައިގެންފަ އެވެ.

މީގެ އިތުރުން މިނިސްޓަރު އިހުސާން ވިދާޅުވީ ޝަމީމްގެ ޕާސަނަލް ސެކިއުރިޓީ މިހާރު ވަރުގަދަ ކޮށްފައިވާ ކަމަށެވެ. މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށެވެ. ތަހުގީހުގައި މިހާރު ސީސީޓީވީ ފުޓޭޖްތައް ހޯދުން ފަދަ ކަންކަން ކުރަމުންދާ ކަމަށާއި، މައުލޫމާތު ލިބޭ ވަރަކުން މީޑިއާއާ ހިއްސާ ކުރައްވަމުން ގެންދަވާނެ ކަމަށެވެ.

ޕީޖީ އޮފީހުން މިއަދު ބުނެފައި ވަނީ ހަމަލާ ދީފައި ވަނީ ސައިކަލެއްގައި ދިޔަ ދެ މީހަކު ކަމަށެވެ. ހަމަލާ ދިނީ ސީދާ ކޮން ހަތިޔާރަކުން ކަން ނުބުނި ނަމަވެސް ހަމަލާ އަމާޒުކުރީ މަރުތޭލަކުން ކަމަށް މައުލޫމާތު ލިބެ އެވެ. ހަމަލާއާ ގުޅިގެން ޝަމީމް ގެންދަވަނީ އޭޑީކޭގައި ފަރުވާ ހޯއްދަވަމުންނެވެ.