އެމްޑީޕީގެ މެމްބަރުންގެ ވޯޓުން އެކަނި ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހު ބާތިލްކުރަން ބަންޑާރަ ނައިބުގެ އޮފީހުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިގެންފި އެވެ.
ގާނޫނުއަސާސީގައި މިހާރު ވެސް އޮންނަ ގޮތުން ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރެވޭނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ތިން ބައިކުޅަ ދެ ބައި މެމްބަރުންގެ ވޯޓުންނެވެ. އެއީ 87 މެންބަރުންގެ ތެރެއިން 58 މެމްބަރުންނެވެ.
މަޖިލީހުގެ ގަވާއިދަށް މިދިޔަ އަހަރު ބަދަލު ގެނައީ ޖުމްލަ މެމްބަރުންގެ އަދަދު ގުނާއިރު ހުސްވެފައި ހުރި ގޮނޑިތައް ނުހިމަނާ ގުނަންޖެހޭ ގޮތަށެވެ. މިދިޔަ ނޮވެމްބަރު 17 ގައި ވެރިކަމުގެ ހުވާ ކުރެއްވި ރައީސް ޑރ. މުއިއްޒު ސަރުކާރަށް ވަޑައިގަތުމަށް ހަތް މެމްބަރަކު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.
ގާނޫނުއަސާސީގެ 100 ވަނަ މާއްދާގައި ބުނާ ގޮތުން ރައީސް މަގާމުން ވަކި ކުރުމަށް މަޖިލީހުގެ ތިންބައިކުޅަ ދެބައި މެމްބަރުން ސަބަބު ބަޔާން ކޮށް މަޖިލީހަށް މައްސަލައެއް ހުށަހަޅިދާނެ އެވެ. އަދި ތިންބައިކުޅަ ދެބައި މެންބަރުންގެ ވޯޓާއެކު ރައީސް މަގާމުން ދުރުކުރެވޭނެ އެވެ.
މަޖިލިހުގެ ހަތް މެމްބަރަކު އިސްތިއުފާ ދެއްވުމާ ގުޅިގެން ޖުމްލަ އަދަދު މިހާރު މަޖިލީހުގައި ހިމެނޭ މެމްބަރުން އެކަނި ގުނަން ޖެހޭ ގޮތަށް ގަވައިދު ވަނީ ބަދަލުކޮށްފައެވެ. އެ ބަދަލާއެކު މިހާރު ރައީސްގެ މައްސަލަ ފާސް ކުރަން ބޭނުން ވާނީ 54 މެމްބަރުންގެ ވޯޓެވެ. އެމްޑީޕީގައި މިހާރު 44 މެމްބަރުން ތިއްބެވި އިރު، ޑިމޮކްރެޓްސްގައި 13 މެމްބަރުން އެބަތިއްބެވި އެވެ.
ގާނޫނުއަސާސީގައި ރައީސުލްޖުމްހޫރިއްޔާ އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަކި ކުރަން ހުށަހެޅޭނެ ސަބަބުތަކުގެ ތެރޭގައި އިސްލާމްދީނުގެ އަސްލަކާ ނުވަތަ ގާނޫނުއަސާސީއާ ނުވަތަ ގާނޫނަކާ ކަނޑައެޅިގެން ހިލާފުވުމާއި ރައީސްގެ މަގާމުގައި ނުވަތަ ރައީސްގެ ނައިބުގެ މަގާމުގައި ހުރެ ކުރުން އެކަށީގެންނުވާ ފަދަ ކަމެއް ކުރުމާއި ރައީސް ނުވަތަ ނައިބުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނާގާބިލްވުން ހިމެނެ އެވެ.