ބޮލީވުޑްގެ ތަރިންނަކީ ޝައްކެއް ވެސް ނެތް ގޮތުގައި ސޯޝަލް މީޑިއާގައި ވަރަށް މަގުބޫލު ތަރިންތަކެކެވެ. މި ސަބަބަށްޓަކައި އެކި ވިޔަފާރި ބްރޭންޑުތަކުން އެތަރިންގެ ސޯޝަލް މީޑިއާގައި ބްރޭންޑް އިޝްތިހާރު ކުރެ އެވެ.

އެގޮތުން އެންމެ ގިނަ އަދަދެއްގެ ބްރޭންޑް އެންޑޯޒްކުރާ އެއްތަރިއަކީ މިހާރު ހޮލީވުޑްގެ މަސައްކަތް ކުރަމުން އަންނަ ޕްރިޔަންކާ ޗޯޕްރާ އެވެ.

ހަބަރުތައް ބުނާ ގޮތުގައި ޕްރިޔަންކާ އޭނާގެ އިންސްޓަގްރާމް އެކައުންޓްގައި ޖަހައިދޭ ކޮންމެ އިސްތިހާރަކަށް ދެ ކުރޯޑް ރުޕީސްގެ އަގެއް ނަގަ އެވެ. އޭނާގެ އިންސްޓަގްރާމްގައި 87.7 މިލިއަން ފޮލޯވަރުން ތިބެ އެވެ.

މިއީ މުޅި ބޮލީވުޑްގައި ވެސް އެންމެ އިސްތިހާރަކަށް ނަގާ އެންމެ ބޮޑު އަގެވެ. އެހެން ނަމަވެސް އެއާއެކު ވެސް ގިނަ ބްރޭންޑުތަކަކުން ޕްރިޔަންކާ ބޭނުންކޮށްގެން އެ ބްރޭންޑް ޕްރޮމޯޓް ކުރަން ބޭނުންވެ އެވެ.

ޕްރިޔަންކާގެ އިތުރުން އިސްތިހާރު ކުރަން ބޮޑު އަގު ނަގާ ތަރިންގެ ތެރޭގައި 74.1 މިލިއަން ފޮލޮވަރުންނާއެކު ދީޕިކާ ޕަދުކޯންއާއި 72.8 ފޮލޯވަރުންނާއެކު ކެޓްރީނާ ހިމެނެ އެވެ.

އެގޮތުން ދީޕިކާއަށް ކޮންމެ އިސްތިހާރަކަށް 2-1 ކުރޯޑް ރުޕީސް ލިބޭއިރު ކެޓްރީނާ ކުރާ ކޮންމެ އިސްތިހާރަކަށް އެއް ކުރޯޑް ލިބެ އެވެ.

މި އަގުތަކާއެކު ވެސް މި ތަރިންނަށް ތަފާތު އެކި ބްރޭންޑްތަކުގެ އެންޑޯޒްމަންޓްތައް ލިބެމުން އަންނަކަން ފާހަގަ ކޮށްލަން ޖެހެ އެވެ.