ގުޅިފަޅުގެ ބިން ހިއްކުމުގެ މަޝްރޫއު މަޑުޖައްސާލުމަށް ހައި ކޯޓުން އަމުރެއް ނެރެފި އެވެ.

ކުރީ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ދޫކުރުމަށްޓަކައި ގުޅިފަޅު ހިއްކުމުގެ މަސައްކަތް ކުރަނީ ތިމާވެއްޓަށް ގެއްލުން ލިބޭ ގޮތަށް ކަމަށް ބުނެ އެ މަޝްރޫއު ހުއްޓުވަން ސިވިލް ކޯޓަށް އާންމު ފަރާތަކުން ވަނީ މައްސަލަ ހުށައަޅާފަ އެވެ. އެ މައްސަލަ ނިމެންދެން އެ މަޝްރޫއު މަޑުޖައްސާލަން އެދުނަސް، ސިވިލް ކޯޓުން އޭރު ނިންމީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.

ހައި ކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތުން މިއަދު ކުރި ހުކުމުގައި ވަނީ ސިވިލް ކޯޓުގައި އެދުނު ވަގުތީ އަމުރާ މެދު ނިންމި ނިންމުން ބާތިލުކޮށް ސިވިލް ކޯޓުގައި އޮތް މައްސަލައިގައި ގޮތެއް ކަނޑައަޅަންދެން ގުޅީފަޅު ބިން ހިއްކުމާ ގުޅޭ އެންމެހާ މަސައްކަތް ހުއްޓާލަން އަމުރުކޮށްފަ އެވެ.

ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ އާއި ފަނޑިޔާރު ހުޒައިފާ މުހައްމަދުގެ އަޣުލަބިއްޔަތުން ކުރެއްވި ހުކުމުގައި ބުނެފައި ވަނީ މައްސަލާގައި އެންވަޔަރްމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ގައި ކަނޑައަޅާފައިވާ މިންގަނޑުތަކާ ހިލާފަށް އަމަލު ކޮށްފައިވާ ކަމަށާއި އަދި އެކަމުގެ ސަބަބުން ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެކަން އެނގޭއިރު އެކަންކަން ނަފީ ކުރާނެ ހެއްކެއް ދައުލަތުން ދައްކާފައިނުވާ ކަމަށެވެ.

އެހެންކަމުން އެ ހާލަތުގައި ތިމާވެށި ހިމާޔަތް ކުރުމަށްޓަކައި ޕްރެކޯޝަނަރީ ޕްރިންސިޕަލްގެ ދަށުން ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ހުކުމުގައިވެ އެވެ. އެ މައްސަލައިގައި ވަގުތީ އަމުރެއް ނުނެރެފިނަމަ ތިމާވެށި ހަލާކުވުމުގެ ސަބަބުން މައްސަލަ ހުށަހެޅި ފަރާތާއި އާންމުންނާއި އަންނަން އޮތް ޖީލުތަކަށް އިއާދަ ނުކުރެވޭނެ ގެއްލުންތަކެއް ލިބިދާނެ ކަމަށާއި މަޝްރޫއު ހުއްޓާލުމުގެ ސަބަބުން ދައުލަތަށް ލިބޭނެ ކަމަށް ބެލެވޭ މާލީ ގެއްލުންތަކަށް ވުރެ މަޝްރޫއު ކުރިއަށް ގެންގޮސްފިނަމަ ތިމާވެށްޓަށް ލިބިދާނެ ކަމަށް ބެލެވޭ ގެއްލުންތައް މާ ބޮޑު ކަމަށް ވެސް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.

ރައުޔު ތަފާތުވި ފަނޑިޔާރު މުހައްމަދު ނިޔާޒްގެ ރައުޔަކީ ތިމާވެއްޓަށް ގެއްލުން ލިބޭ މަޝްރޫއުއެއް ނަމަ ތިމާވެށި ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން މިނިސްޓަރަށް އެކަން އެންމެ ފުރަތަމަ ހުށަހަޅަން ޖެހޭނެ ކަމަށާއި އެކަމާ މެދު މިނިސްޓަރު ނިންމި ނިންމުމެއް ނެތި ކޯޓުން އެފަދަ މައްސަލަތައް ބެލުމަކީ ތަރުތީބު އޮޅިގެންދާނެ ކަމެއް ކަމަށެވެ.

އަދި ގައުމުގެ އާންމު މަސްލަހަތާ ގުޅިފައިވާ އެފަދަ މައްސަލަތަކަކީ "އެއް ކޯޓުން އަނެއް ކޯޓަށް ދުވުމުގެ ބަދަލުގައި" ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އެންމެ މަތީ މަރުހަލާއިން ދާއިމީ ހައްލެއް ހޯދޭނެ މައްސަލަތަކެއް ކަމަށާއި ނަމަވެސް އެ މައްސަލަ ހުށަހަޅާފައިވަނީ އެގޮތަށް ނޫން ކަން ފަނޑިޔާރު ނިޔާޒްގެ ރައުޔުގައި ވަނީ ފާހަގަކޮށްފަ އެވެ.

ބޮސްކާލިސްއާ ހަވާލުކޮށް ގުޅީފަޅު ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ޖޫން 2020ގައި ފެށުމުން ހުށަހެޅި މައްސަލައެކެވެ. ސިވިލް ކޯޓުގައި ހިނގަމުންދާ މި މައްސަލާގައި ހުމައިދާގެ ފަރާތުން ބުނެފައި ވަނީ އެ މަޝްރޫއުގެ ސަަބަބުން ވިލިމާލެ ހުޅަނގު ދެކުނު ފަރާތުގެ ފަޅަށާއި، ވަށައިގެންވާ ސަރަހައްދާއި ހިމާޔަތްކޮށްފައިވާ ކަނޑުއަޑީގެ ބައެއް ތަންތަނަށް އިއާދަ ނުކުރެވޭވަރުގެ ގެއްލުންތަކެއް ލިބޭނެ ކަމަށެވެ.

ގުޅީފަޅު ހިއްކުން ހައިކޯޓުން ހުއްޓުވީއިރު، އެ ފަޅުން 100 ހެކްޓަރަށް ވުރެ ބޮޑު ބިމެއް ވަނީ ހިއްކައި ނިންމައިފަ އެވެ. ގުޅީފަޅުން 150 ހެކްޓަރުގެ ބިން ހިއްކާނެ އެވެ.

ކުރީ ސަރުކާރުގެ 'ބިންވެރިޔާ ސްކީމް"ގެ ދަށުން ހުޅުމާލެއިން މަދުވެގެން 1000 ގޯއްޗާއި ގުޅީފަޅުން މަދުވެގެން 2000 ގޯއްޗާއި ގިރާވަރު ފަޅު ހިއްކައިގެން ވެސް މަދުވެގެން 2000 ގޯތި މާލޭ ރަށްވެހިންނަށް ދޭން އޭރުގެ ސަރުކާރުން ވަނީ ނިންމާފަ އެވެ.