ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކުގައި އިތުރު ލިފްޓް ހަރުކުރަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ. އެ މަސައްކަތް ހަވާލު ކުރީ ޝެންޔަންގް ޔުއާންޑް އިންޓެލެކްޗުއަލް ގުރޫޕާ އެވެ.

އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި އެއްބަސްވުމުގެ ދަށުން ހިޔާ ފްލެޓްތަކުގައި ޖުމްލަ 32 ލިފްޓް ބެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށެވެ. 25 ބުރީގެ 16 ޓަވަރުގެ ތެރެއިން ކޮންމެ ޓަވަރެއްގައި ދެ ލިފްޓެވެ.

އެޗްޑީސީން ބުނި ގޮތުގައި ކޮންމެ ޓަވަރެއްގައި ގާއިމު ކުރުމަށް ހަމަޖެހިފައި ވަނީ ޕެސެންޖާ އަދި ސްޓްރެޗާ ލިފްޓެކެވެ. މި މަޝްރޫއުގެ މަސައްކަތް ފެށިފައިވާ އިރު، މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ އެއް އަހަރު ދުވަހުގެ ތެރޭގައި ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

މި މަޝްރޫއުއަކީ ހިޔާ ފްލެޓްތަކުގައި ދިރިއުޅެމުންދާ މީހުންނަށް ފްލެޓްގެ ދަތިކަން ދިމާވާތީ އެކަމަށް ހައްލެއް ގެނައުމަށް ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށް އެޗްޑީސީން ބުންޏެވެ. އަދި މި ލިފްޓުތައް ގާއިމްކުރުމުން ލިފްޓަށް އެރުމަށް އޮންނަ ކިއޫ ކުޑަވެ، ލިފްޓް ގެ އިންތިޒާރުގައި ހޭދަކުރަންޖެހޭ ވަގުތު ކުޑަވެގެންދާނެ ކަމަށް އެޗްޑީސީން ބުނެ އެވެ.