ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ހަތް ދައުވާއެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ކްރިމިނަލް ކޯޓުން ދޫކޮށްލުމުން ރާއްޖެއިން ބޭރަށް ފުރިކަން އެނގުނީ ޚަބަރުން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ވަހީދު ފުރައިގެން ދިޔަ މައްސަލައާ ބެހޭ ގޮތުން ނޫސްވެރިއަކު ސުވާލުކުރުމުން މަބްރޫކް ވިދާޅުވީ އަލީ ވަހީދު ބޭރަށް ފުރާވަޑައިގެންނެވި ވާހަކަ އެ ބޭފުޅާ ވެސް ފުރަތަމަ ދެކެވަޑައިގަތީ ޚަބަރުން ކަމަށެވެ.
މަބްރޫކް ވިދާޅުވީ އަލީ ވަހީދު ބޭރަށް ފުރާވަޑައިގެންފައިވަނީ ބަލި ހާލަތު ހުރި ގޮތުން، އޭނާ މިހާރު ބޭނުންވާ ފަރުވާ ލިބެން އޮތީ ރާއްޖެއިން ބޭރުން ކަމަށެވެ. އަދި އަލީ ވަހީދު ފުރީ ކޯޓުން ޕާސްޕޯޓު ދޫކޮށްލުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަލީ ވަހީދު ފުރުވާލުމުގައި ސީދާ ސަރުކާރުން އެހީތެރިވި ކަމަށް ގިނަ ބަޔަކު ދަނީ ތުހުމަތުކުރެ އެވެ. އޭނާ ފުރަން ގޮސް އެއާޕޯޓުގައި ވެސް ބޭނުން ކުރީ ވީއަޕީ ކަމަށްވެ އެވެ.
ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މަޖިލީހުގެ މިއަދު ޖަލްސާގައި ވިދާޅުވީ އަލީ ވަހީދު ރާއްޖެ އިން ބޭރަށް ފުރާވަޑައިގަތީ މި ސަރުކާރުގެ އިސް ބޭފުޅުންގެ ނުފޫޒުން، ރާވައިގެން ކަމަށެވެ. އަދި ކުދިކުދި ކުށްކުރާ އާންމު މީހުންގެ ޕާސްޕޯޓްތައް އެކި މައްސަލަތަކުގައި މިހާރު ވެސް ހިފަހައްޓާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު ޖިންސީ ފުރައްސާރަ އާއި ގޯނާ ފަދަ ބޮޑެތި ތުހުމަތުތަކެއް ކުރެވި ދައުވާ ވެސް އުފުލިފައިވާ މި ސަރުކާރުގެ ވަޒީރު ކަން ކުރައްވާފައިވާ ބޭފުޅަކަށް އެހާ ފަސޭހައިން ރާއްޖެއިން ބޭރަށް ވަޑައިގެންނެވޭނީ ރާވައިގެން ކަމަށް ޝިޔާމް ތުހުމަތު ކުރެއްވި އެވެ.
"އެމްޑީޕީގެ ސަރުކާރެއް މިއީ. ޖިންސީ ފުރައްސާރަ ކުރާ މީހާ ވީއައިޕީން ޓިކެޓް ނަގައިގެން ވީއައިޕީގެ ހިދުމަތާއެކު އެ ފުރަނީ. ޕާސްޕޯޓް ހިފެހެއްޓޭތަނެއް ނުފެނޭ. ޖިންސީ ފުރައްސާކުރާ ދިވެހި ދައުލަތުގެ ވަޒީރުކަން ކުރައްވާފައިވާ ބޭފުޅެއް، [އަލީ ވަހީދު] އެ ދިޔައީ ފުރައިގެން، ހިތުން ރައްޔިތުންނަށް ނޭނގޭނެ ކަމަށް، ޖިންސީ ފުރައްސާރަ ކުރާ މީހުން މިތިބެނީ ރާއްޖޭގެ އެންމެ މަތީ އޮފީހުގައި،" ޝިޔާމް ވިދާޅުވި އެވެ.
އިތުބާރުހުރި ގޮތަކަށް "ހުރިހާ"އަށް އެނގިފައިވާ ގޮތުގައި އިއްޔެ އޮތް ޝަރީއަތުގެ އަޑުއެހުމުގައި އަލީ ވަހީދު ވަނީ އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމަށް ނެރުނު އަމުރު މުރާޖާކޮށްދޭން އެދިފަ އެވެ. އަދި ޝަރީއަތުގެ މަޖިލީހަށް އަލީ ވަހީދު ޑޮކްޓަރަކު ހާޒިރުކުރުމުން އޭނާގެ މައި ބަދައިގެ ޑިސްކްތަކަކަށް ގެއްލުންވެފައިވާ ކަމަށް ޑޮކްޓަރު ބުނުމުން ކޯޓުން ވަނީ އޭނާގެ ޕާސްޕޯޓު ހިފެހެއްޓުމަށް ނެރުނު އަމުރު ބާތިލުކޮށްފަ އެވެ.
އަލީ ވަހީދު ފުރައިގެން ދިޔަ ކަމަށް ވަނީ އިނގިރޭސިވިލާތުގެ ލަންޑަނަށެވެ. 2015 ވަނަ އަހަރު މޭޑޭގެ މުޒާހަރާއާ ގުޅިގެން އޭނާގެ މައްޗަށް ދައުވާ އުފުލުމުން އެ ފަހަރު ވެސް އަލީ ވަހީދު ވަނީ ފުރައިގެން ގޮސް އިނގިރޭސިވިލާތުން ސިޔާސީ ހިމާޔަތް ހޯއްދަވައިފަ އެވެ. އަދި އޭނާ އަނބުރާ ރާއްޖެ ވަޑައިގެންނެވީ ރައީސް އަބްދުﷲ ޔާމީން 2018ގެ ރިޔާސީ އިންތިހާބުން ބަލިވުމުންނެވެ.
މައިބަދަ ގުޑާނީ ހާދަ ވަރެއްވީމައޭ.