ރަންބީރު ކަޕޫރާއި އާލިއާ ބަޓްގެ އަލަތު ދަރިފުޅު ރަހާ ކަޕޫރު އުފަންވުމުގެ ދެ އަހަރު ކުރިން އޭނާގެ ކާފަ ރިޝީ ކަޕޫރު ވަނީ މަރުވެފަ އެވެ.

ތުއްތު ތުއްތު ރަހާއާއި އޭނާގެ ކާފަ ގުޅުވައިދޭ އެއްވެސް ހަނދާނެއް ނެތެވެ. އެހެން ނަމަވެސް މިފަހުން އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި ތައްޔާރުކޮށްފައިވާ ފޮޓޯއަކުން ރަހާއާއި އޭނާގެ ކާފަ އެކުގައި ފެނިގެންދެ އެވެ.

އެ ފޮޓޯގައި ރިޝީއާއި ރަހާ އެކުގައި ފެންނައިރު އަސްލާ ވަރަށް އެއްގޮތެވެ. އެ ފޮޓޯ އަސްލާ އެއްގޮތް ކަމުން ގިނަ ބަޔަކު އަންނަނީ އެކަން ފާހަގަ ވެސް ކުރަމުންނެވެ.

ރިޝީއާއި ރަހާގެ އެ ފޮޓޯ ހިއްސާ ކުރަމުން އާލިއާގެ މަންމަ ސޯނީ ރަޒްދާންއާއި ރަންބީރުގެ މަންމަ ނީތޫ ވެސް ވަނީ އެ އެޑިޓަށް ތައުރީފް ކޮށްފަ އެވެ.

ރިޝީ ކަޕޫރު މަރުވެފައިވަނީ 2020 ވަނަ އަހަރުގެ އޭޕްރީލް 30ގައި ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށެވެ. ރަހާ އުފަންވީ އޭގެ ދެ އަހަރު ފަހުން 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ހަވަނަ ދުވަހު އެވެ.