އިންޑިއާ އިން ރާއްޖެ އަށް ފިޔާ އެކްސްޕޯޓް ކުރުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށް އެސްޓީއޯ އިން ބުނެފި އެވެ.

އެސްޓީއޯ އިން މިހެން ބުނެފައި މިވަނީ ފިޔާ އެކްސްޕޯޓްކުރަން އިންޑިއާ ސަރުކާރުން ހާއްސަ ހުއްދަ ދޭ ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ނެތް ކަމަށް ބުނެ ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ވަގުތެއްގަ އެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޑިސެމްބަރު މަހުން ފެށިގެން އިންޑިއާ އިން ފިޔާ އެކްސްޕޯޓުކުރުން ވަގުތީ ގޮތުން މަނާކުރުމަށް ފަހު އަލުން އެކްސްޕޯޓު ކުރާ އިރު އަވައްޓެރި ގައުމުތަކަށް ސަރުކާރުން ދޭ ހާއްސަ ކޯޓާގެ ދަށުން ފިޔާ އެކްސްޕޯޓު ކުރާ ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ނެތެވެ. އިންޑިއާ އިން އަލަށް އާއްމުކުރި ލިސްޓުގައި ހިމެނެނީ ސްރީލަންކާ، ބަންގްލަދޭޝް، މޮރިޝަސް، ބަހްރެއިން، ބޫޓާން އަދި ނޭޕާލް އެވެ.

މިކަމާ ގުޅޭ ގޮތުން އެސްޓީއޯ އިން ބުނީ މިހާރު ވެސް އެ ކުންފުނިން ފިޔާ އެތެރެކުރަނީ އިންޑިއާ އިން ކަމަށެވެ. އަދި ފިޔާ ލިބުމުގައި އެއްވެސް ދައްޗެއް ނެތް ކަމަށާއި ރޯދަ މަހަށް ވެސް އިންޑިއާ އިން ފިޔާ ލިބޭނެ ކަމަށް ވެސް އެސްޓީއޯ އިން ބުނެ އެވެ.

ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ޗައިނާއާ ގުޅުން ގާތްވުމުގެ ސަބަބުން އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ވަނީ ކުރިއަށްވުރެ ހީނަރުވެފަ އެވެ. އެކަމުގެ ސަބަބުން އިންޑިއާ އިން ރާއްޖެ އަށް 'ޖެއްސުން' ކުރަމުންދާ ކަމަށް ވެސް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.