އެމްޑީޕީ އަށް މަޖިލިހުގެ މެޖޯރިޓީ ލިބެން ޖެހޭ ކަން އެ ޕާޓީން ދައްކައިދީފައިވާ ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވާ ތޮއްޑޫ ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓް ހުސެން ސަމީރުގެ ކެމްޕޭން ލޯންޗްކުރުމަށް ކެމްޕޭން ޓީމާއެކު އއ އުކުޅަހުގައި އިއްޔެ ބޭއްވި ބައްދަލުވުމުގައި ޝާހިދު ވިދާޅުވީ އެމްޑީޕީ ސަރުކާރުގަ އޮތަސް، އެމްޑީޕީ އިދިކޮޅުގަ އޮތަސް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބެންވާނީ އެމްޑީޕީއަށް ކަމަށެވެ.

ޝާހިދު ވިދާޅުވީ އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ދޭން ޖެހޭކަން އެމްޑީޕީން ދައްކައި ދީފައިވާ ކަމަށެވެ.

މިދިޔަ ދައުރުގައި އެމްޑީޕީ ސަރުކާރުގައި އޮވެ، މަޖިލީހުގެ ސުޕަރ މެޖޯރިޓީ ލިބުމުންވެސް ޒިންމާދާރުކަމާއެކު މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިޔަ ކަމަށް ޝާހިދު ވިދާޅުވި އެވެ.

އެގޮތުން ސަރުކާރު ޖަވާބުދާރީކޮށް، އެންމެ ގިނަ އަދަދަކަށް ވަޒީރުން ޖަވާބުދާރީކުރުވީވެސް 19 ވަނަ މަޖިލިސްގައިކަން ޝާހިދު ފާހަގަކުރެއްވި އެވެ.

ޝާހިދު ވިދާޅުވީ ސަރުކާރުގައި ވެސް، އިދިކޮޅުގަވެސް އެމްޑީޕީން ގާނޫނުއަސާސީ ހިމާޔަތްކޮށް، ގާނޫނުގެ ވެރިކަން ދަމަހައްޓާނެ ކަމަށާއި، ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށްދޭނެ ކަމަށެވެ. އަދި މިހާރު ވެރިކަމުގައި ތިއްބެވި ބޭފުޅުން އަމަލުކުރައްވާނީ އެއާ ހިލާފަށް ކަމުގައި ޝާހިދު ވިދާޅުވި އެވެ.