ފަނޑިޔާރުންނާއި ކޮމިޝަންތަކުގެ މެމްބަރުން ވަކިކުރުމުގެ ބާރެއް ސަރުކާރު ހިންގާ ޕީއެންސީއަށް ނެތް ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ހދ. ނޮޅިވަރަންފަރު ރައްޔިތުންނާ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް ލިބެންޖެހޭ އެއްބާރުލުން ނުލިބޭ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރައީސް މުއިއްޒު ކުރަން ބޭނުންވާ ކަންކަން ކުރުމަށް ދަތިތަކަކާ ކުރިމަތިލާންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބައެއް މުއައްސަސާތަކުން ކަންތައްތައް ކުރަނީ ރަނގަޅަކަށް ނޫން ކަމަށާއި އެފަދަ މުއައްސަސާތަކުގެ މެމްބަރުން ވަކިކުރުމުގެ ބާރު ސަރުކާރު ހިންގާ ޕާޓީއަށް ނެތް ކަމަށެވެ. ވަކިކުރުމުގެ ބާރު ޕީއެންސީއަށް ނެތް ބޭފުޅުންގެ ތެރޭގައި ފަނޑިޔާރުން ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެ ސަބަބުތައް އެހެން ހުރުމުން، ރައީސް މުއިއްޒުގެ ވައުދުތައް ފުއްދުމަށްޓަކައި ރައްޔިތުންގެ މަޖިީހުގެ މެޖޯރިޓީ ސަރުކާރަށް ލިބެންޖެހޭ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތްއިރު 120 ބިލިއަން ރުފިޔާ އިން ރާއްޖެ އޮތީ ދަރުވާލާފައި ކަމަށެވެ. އަދި ރާއްޖޭގެ ކުޑަ ކުދި ރަށްތަކާއި ބޮޑެތި ރަށްތައް ވެސް ތަރައްގީން މަހުރޫމްވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކުރީގެ ސަރުކާރާ ހިލާފަށް، ރައީސް މުއިއްޒުގެ ވިސްނުންފުޅަކީ 24 ގަޑިއިރު ރައްޔިތުންގެ ހިދުމަތުގައި ދެމިހުރުން ކަމަށް ޝިޔާމް ވިދާޅުވި އެވެ.