ރައީސް މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ ގިނަ ވައުދުތަކަކާ އެކުގަ އެވެ. އޭގެ ތެރޭގައި ބޯހިޔާވަހިކަމާ ގުޅޭ ގޮތުން ވެފައިވާ ވައުދުތައް ވަކިން ބޮޑަށް ފާހަގަކުރެވެ އެވެ.

ވެރިކަމުގައި ހުންނަވައިގެން މިހާރު ދައްކަވަމުންދާ ވާހަކަތަކުގައި ތިމަން މަނިކުފާނުގެ ހުރިހާ ވެސް މަގްސަދަކީ އިޚްލާސްތެރި ކަމާ އެކު ވައުދު ފުއްދުން ކަމަށް ވިދާޅުވިޔަސް ބޯހިޔާވަހި ކަމާ ބެހޭ ގޮތުން ވެވަޑައިގެންނެވި ވައުދާއި ވެރިކަން ލިބިވަޑައިގަތުމުން ކަން ކުރެއްވި ގޮތް އުޑާ ބިމާހާ ވެސް ތަފާތެވެ. އިއާދަ ނުކުރެވޭ ވަރަށް އެ ވައުދުޔަކާއި މުއިއްޒު ވަނީ ޚިލާފުވެވަޑައިގެންފަ އެވެ.

ބޯހިޔާވަހިކަމުގެ ވައުދުވެވަޑައިގަތީ ސަރުކާރުން އެއްވެސް ރައްޔިތަކަށް ދޭން ކަނޑައަޅާފައިވާ ފްލެޓެއް އަތުނުލާނެ ކަމަށާއި ކުރީ ސަރުކާރުން ކަނޑައަޅާ ދޭން ނިންމާފައިވާ ފްލެޓްތައް އެ ފުލެޓެއް ދިންތަނަކުން ދިންގޮތަކަށް އެއަށްވުރެން ފުރިހަމައަށް އެ ފަރާތްތަކަށް ދޭނެ ކަމަށް ވިދާޅުވެ އެވެ. ރައީސް މުއިއްޒު ވަނީ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ޕޯޑިއަމްތަކުގައި އެ ބަސްތައް އެތައް ފަހަރަކު ތަކުރާރު ކުރައްވާފައިވެ އެވެ.

މިގޮތުން، 10 އޮގަސްޓް 2023 ގައި، "ދިވެހިންގެ ޖަގަހަ" ހުޅުއްވައި ދެއްވުމަށް ފަހު ދިވެހި ރައްޔިތުންނާ މުޚާތަބުކުރައްވާ ރައީސް މުއިއްޒު ދެއްކެވި ވާހަކާގައި، ވިދާޅުވެލެއްވީ "ފްލެޓް ވިޔަސް، ގޯތި ވިޔަސް، ލިޔުންތަކެއް ވިޔަސް، އަދި ކޮންމެ ގޮތަކަށް ވިޔަސް، ގެޒެޓް އިއުލާނެއް ކޮށްގެން ވިޔަސް އަޅުގަނޑުގެ ވިސްނުންފުޅަކީ އަދި ގަބޫލުކުރައްވާ ހަމައަކީ ރައްޔިތަކަށް ސަރުކާރުން ދީފި އެއްޗެއް އަތުލައިގެން ނުވާނެ. އެހެނެއްނޫން، އަޅުގަނޑުމެން ކުރާނެ ކަމަކީ ދެންމެ މިދެންނެވި ގޮތަށް ހުރި ރައްޔިތުންނަށް، ދެން ވެސް ތިބި ރައްޔިތުންނަށް އެ ގޯއްޗާއި ފްލެޓް ހޯދައި ދެވޭނެ މަގުފަހިކޮށްދިނުން" ކަމަށް ވިދާޅުވެ އެވެ.

ކުރީ ސަރުކާރުން ރައްޔިތަކަށް ދޭން ކަނޑައަޅާފައިވާ ފްލެޓެއް އަދި ގޯއްޗެއް އަތުނުލާނެކަމުގެ ޔަގީންކަން ރައީސް މުއިއްޒު ވަނީ ދެއްވާފަ އެވެ. އަދި ހަމަ އެހެންމެ، 13 ސެޕްޓެމްބަރު 2023 ގައި، މާލޭ ސިޓީ، މައްޗަންގޮޅީ ކަންމަތީ ޖަލްސާގައި މުއިއްޒު ދެއްކެވި ވާހަކަފުޅުގައި، "ގޯތިވިޔަސް އަދި ފްލެޓްތަކާއި، ދޭން ނިންމާފައި ހުރި ފްލެޓްތައް ކަމަށް ވިޔަސް އަޅުގަނޑުމެން އައިއްސިއްޔާ ހަމަ އަތުލާނީހޭ؟ ނޫނީ ދޭނީ ހޭ؟ މިއަދުވެސް އެ ސުވާލު އައި، އަޅުގަނޑުމެނެއް ރައްޔިތުންނަށް ލިބިފައިއޮތް އެއްޗެއް، ލިބެން އޮތް އެއްޗެއް ވިޔަސް އަތެއް ނުލާނަމޭ. އެއީ ފްލެޓް ކަމަށް ވިޔަސް، ގޯތި ކަމުގައި ވިޔަސް." ވިދާޅުވެ ވައުދު ތަކުރާރު ކުރައްވާފައިވެ އެވެ.

ލިބިފައިވާ ފްލެޓެއް ނުވަތަ ގޯއްޗެއް ވިޔަސް އަތުނުލައްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއިރު، ފްލެޓް ނުވަތަ ގޯތި ލިބުމަކީ ކޮބާ ހެއްޔެވެ؟ މި ސުވާލަށް ވެސް މުއިއްޒު ވަނީ ސާދާ ސީދާ ބަހުން ޖަވާބު ދެއްވާފަ އެވެ. ވެރިކަމުގެ ވަރަށް ކުރީ ކޮޅުގައި، ޑިސެމްބަރު 5، 2023 ގައި ރައީސް އޮފީހުގައި، ހުރިހާ ވަޒީރުންގެ ހާޒިރުގައި މުއިއްޒު ބޭއްވެވި ނޫސް ކޮންފަރެންސެއްގައި ނޫސްވެރިއަކު ފްލެޓް ލިބިފައިވާ މީހުންނަށް "މީގެ ސާފު ޖަވާބަކީ ކޮބާތޯ" އޭ ދަންނަވާ ސުވާލު ކުރުމުން މުއިއްޒު ވިދާޅުވީ، އެ މަނިކުފާނު ވައުދުވި ގޮތަށް އެކަން ކުރިއަށްދާނެ ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ އެއްވެސް މީހަކަށް ފްލެޓެއް، ގޯއްޗެއް، ލިބުނު ތަނަކުން، އެމީހެއްގެ އަތުން އަތެއް ނުލާނެ ކަމަށާއި ދެން ރަސްމީކޮށް ގެޒެޓް ކުރެވިފައި އޮވެއްޖެ ނަމަ އެ އޮތީ އެ މީހާއަށް ލިބިފައި ކަމަށް ރައީސް ވިދާޅުވި އެވެ. އެއީ ލިޔުން ނުލިބި އޮތް ކަމަށް ވިޔަސް މެ އެވެ. އަދި ރަޖިސްޓަރީ ނުހެދި އޮތުން ވެސް އެއީ އެހެން ކަމެއް ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ފައިނަލް ލިސްޓެއް ގެޒެޓްކޮށްފައި އޮވެއްޖެ ނަމަ އެއީ ސަރުކާރުގެ ނިންމުމެއް ކަމަށާއި ސަރުކާރުގެ ނިންމުމެއް އޮވެއްޖެ ކަމަށް ވާނަމަ ފްލެޓާއި ގޯތި "ލިބޭނެ" ކަމަށެވެ. އެއަކަށް ބަދަލެއް ނާންނާނެ ކަމަށް ވަރަށް ސާފުކޮށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެހެން ނަމަވެސް ރައީސް މުއިއްޒު ވިދާޅުވި ގޮތަށް އަމަލުކުރެއްވި ނަމަ، ކުރީ ސަރުކާރުން ފްލެޓަށް ޝަރުތު ފުރިހަމަވާ ކަމަށް ގެޒެޓް ކުރި 13،000 މީހުންނަކީ އެއްވެސް ޝައްކެއްނެތް ގޮތުގައި ފްލެޓް ލިބޭނެ މީހުންނެވެ. އިތުރު ޕްރޮސެސް އެއް އިތުރު ލިޔުމެއް އެ މީހުންނަށް ބޭނުމެއް ނުވާނެ އެވެ.

އެހެން ނަމަވެސް ކަން ހިނގީ އެހެނެއް ނޫނެވެ. ޑިސެމްބަރު 5، 2023 ގައި ރައީސް މުއިއްޒު ނޫސްވެރިންނާ ބައްދަލު ކުރައްވަނީ، ގެޒެޓްކޮށްފައިވާ ލިސްޓުގައި ނަން އޮތުމުން އެއީ ފްލެޓް ލިބުނު ފަރާތެއް ކަމަށް ވިދާޅުވެފައިވެ އެވެ. އެހެން ނަމަވެސް ޑރ. މުއިއްޒުގެ ވާހަކައަށް އިތުބާރުކޮށް، އެ ވިދާޅުވި ގޮތައް ކަން ކުރައްވާނެ ކަމަށް ތިބި މީހުންނަށް ވެރިކަމުގައި ފާއިތުވެ ދިޔަ ކޮންމެ ދުވަހެއްވީ ނާ އުއްމީދުގެ ދުވަހަކެވެ. އެތައް ބަހަނާއަކާއި، އެތައް ކޮމިޓީއަކާއި، އެތައް ޕްރޮސެސްއަކާ ގެޒެޓްކޮށްފައިވާ ލިސްޓު ކުރިމަތިލާން ޖެހުނެވެ.

އާޚިރު ނަތީޖާއަކީ، ކޮންމެ ނަމެއްގައި ކުރި ކަމަށް ވިޔަސް އެއްބަސްވުމާއެކު ކުރީ ސަރުކާރުން ދިން ފްލެޓްއަކީ އަލުން ރިވިއުކުރަން ޖެހުނު އެއްޗަކަށް ވުމެވެ. ފެނުނީ ކުރިން ގެޒެޓްކުރި ލިސްޓް، ލިސްޓަކަށް ނުވި ތަނެވެ. ކުރީ ސަރުކާރުން ހެދި އެއްބަސްވުން އެއްބަސްވުމަކަށް ނުވި ތަނެވެ. ދީފައި އޮތް އެއްޗެއް އަތުލި ތަނެވެ.

މި ހުރިހާ ކަމެއްގެ ތެރެއިން އެންމެ ފަހުން ފްލެޓް ލިބުނު މީހުންނަށް ފްލެޓް ލިބުނުކަމުގެ ހިތްހަމަޖެހުން ލިބުނުއިރު އެހެން އަދި މާބޮޑު ބޮލުގެ ރިހުމެއް އޮތީ ކުރިމަތި ކޮށްފަ އެވެ. އެ މީހުންނަށް އެނގުނީ ފުލެޓް އެއްބަސްވުމަކީ ކުލީގެ އެއްބަސްވުމެއްކަމެވެ. މިއީ ކުރިން ކަންކުރި ގޮތެއް ނޫނެވެ.

ކުލީގެ އެއްބަސްވުމަކަށްވުމުން ރަށްވެހިންގެ ރަޖިސްޓަރީ ހައްދައި ނުދޭނެކަން އެނގުނީ އެކަން ކުރަން ސިޓީ ކައުންސިލަށް ދިއުމުންނެވެ. ސިޓީ ކައުންސިލުން މިހާތަނަށް ސަރުކާރުތަކުން ދޫކޮށްފައިވާ ސޯޝަލް ހައުސިން ޔުނިޓްތަކަށް ރަށްވެހިންގެ ރަޖިސްޓްރީ ހަދައިދިނެވެ. އެއީ އެ އެއްބަސްވުންތައް ގަނެ ވިއްކުމުގެ އެއްބަސްވުންތަކެއްގެ ގޮތުގައި އޮތުމުންނެވެ.

ހަގީގަތަކީ، މިއީ ނިމިދިޔަ ސަރުކާރުން ފުލެޓް ލިބިފައިވާ ފަރާތްތަކާއެކު ކުލި ކަނޑައަޅާ، ޝަރުތުތައް ކަނޑައަޅާ، ދެ ފަރާތުން "ހަމަ ހޭގައި ތިބެ" ސޮއިކޮށް ނިމިފައިވާ އެއްބަސްވުމެކެވެ. ފަހުން އައި ސަރުކާރަށް އެ އެއްބަސްވުމަށް އިހްތިރާމް ކުރަންޖެހޭނެ އެއްބަސްވުމެކެވެ. އެއީ ވެސް ސަރުކާރަކުން ހަދާފައިވާ އެއްބަސްވުމެކެވެ.

ނަމަވެސް މުއިއްޒު ސަރުކާރުން ވަނީ ކުލީގެ ޢަދަދު ބޮޑުކޮށް އެޑްވާންސް ޕޭމަންޓް ދައްކަން މަޖުބޫރު ކޮށްފަ އެވެ. ފުލެޓް ލިބޭ ފަރާތްތަކުން ފުލެޓް އެއްބަސްވުމުގައި ސޮއިކުރަމުން އެ ގެންދަނީ އިތުރު އެހެން ގޮތެއް ނެތުމުންނެވެ. މިއީ ވަރަށް ބޮޑު ބޭއިންސާފެއްކަން އެނގި ތިބެ އެވެ. އަނެއްކޮޅުން ފުލެޓް ލިބޭ ފަރާތްތަކުން އެއްފަހަރާ ފުލެޓްގެ އަގު ދައްކާ ޚަލާސްކުރި ކަމުގައިވީ ނަމަވެސް، ފުލެޓް މިލްކު ކުރެވޭނީ 10 އަހަރު ފަހުން ކަމުގައި މިއެއްބަސްވުމުގައި ބުނެފައިވެ އެވެ.

ގެދޮރުވެރިޔާ ސްކީމުގެ ބާކީ ތިބި މީހުންނަށް ވީ ކިހިނެއް؟

ގެދޮރުވެރިޔާ ފުރަތަމަ ސްކީމުގައި ޝަރުތުހަމަވި 13،000 މީހުންގެ ތެރެއިން ފުރަތަމަ 4000 ފުލެޓް ލިބުނު މީހުންގެ އިތުރުން ބާކީ ތިބި 9000 މީހުންންގެ ބޯހިޔާވަހިކަން ކަށަވަރުކުރުމުގެ ގޮތުން ފަންޑު ހަމަޖެހި، އަމަލީ މަސައްކަތް ފަށަން ނިންމާފައިވާ 6000 ފްލެޓްގެ މަސައްކަތް މިހާތަނަށް ފެށިފައެއް ނުވެ އެވެ. ނަމަވެސް ރައީސް މުއިއްޒާއި، ފިނޭންސް މިނިސްޓަރު ހިމެނޭ ގޮތަށް އެކި އެކި ހަފްލާތަކުގައި މި ފުލެޓްތަކުގެ އަމަލީ މަސައްކަތް ފައްޓަވާނެ ކަމަށް ވިދާޅުވެފައިވެ އެވެ.

މިއަހަރުގެ ރިޔާސީ ބަޔާނުގައި މިއީ ބޯހިޔާވަހިކަމުގެ އަހަރު ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދެއްކެވިއެއްކަމަކު މި ފުލެޓްތަކުގެ އަމަލީ މަސައްކަތް ފެށޭނެ ދުވަހެއް ވެސް ނޭނގެ އެވެ. ގެޒެޓްގައި ޝަރުތު ހަމަވާ މީހެއްގެ ގޮތުގައި އޮތެއް ކަމަކު މި 9،000 މީހުންނަށް ފްލެޓް ލިބޭނެ ކަމެއް ވެސް ނޭނގެ އެވެ. ގެދޮރުވެރިޔާގެ ދެވަނަ ސްކީމްގެ ދަށުން ހުޅުމާލެ އިން ފުލެޓަށް އެދި ހުށަހަޅާފައިވާ 8،000 ފޯމުގައި ހިމެނޭ 21،247 މީހުންނަށް ވީ ގޮތެއް ވެސް ނޭނގުނެވެ. އެ މީހުން އަދިވެސް ތިބީ ސުވާލު މާކެއްގެ ތެރޭގަ އެވެ. އެއީ މި ސަރުކާރުން އިހްތިރާމް ކުރާނެ ލިސްޓެއް ކަމެއް ވެސް ނުވަތަ ނޫން ކަމެއް ވެސް ނޭނގެ އެވެ.

ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް ކުރީ ސަރުކާރުން ޖުމްލަ 10،000 ފްލެޓްގެ މަސައްކަތް އެކި މަރުހަލާތަކުގައި ކުރިއަށް ގެންދަމުން ދަނިކޮށް ވެރިކަން ބަދަލުވެ، ރައީސް މުއިއްޒު ވެރިކަމާ ހަވާލުވުމުން އެ މަޝްރޫއުތަކަށް ވީ ގޮތެއް ރައްޔިތުންނަށް ނޭނގުނެވެ. ފެށިފައި އޮތް މަޝްރޫއެއް ހުއްޓާ ނުލައްވާނެ ކަމަށާއި، ކުރިއަށް ވުރެ ރަނގަޅަށް އެ މަޝްރޫއުތައް ހިންގަވާނެ ކަމަށް ވެސް އޮތީ ވައުދުވެވަޑައިގެންފަ އެވެ.

މިހެން މިކަން އޮއްވާ، ދެން އިވުނީ ރަސްމާލެ ކިޔާ ބޮޑު ޝަހަރެއް ހިއްކަން ފެށި ވާހަކަ އެވެ. 600 މިލިއަން ޑޮލަރު ހޭދަ ކޮށްގެން ބިމެއް ހިއްކައިގެން މުޅިން އަލަށް ބޮޑު މަޝްރޫއެއް ފެށި އިރު ހިނގަމުންދިޔަ އެތައް ކަމެއް ވަނީ ހުއްޓިފަ އެވެ. އެންމެ އަވަހަށް ގޯތި ލިބޭނެ ކަމަށް އުއްމީދު ކުރެވުނު ހުޅުމާލެ ފޭސް ތިނެއްގެ މަސައްކަތް ވެސް ސަރުކާރު ބަދަލުވިއިރު ބާރަށް ހިނގަމުން ދިޔަ އެވެ.

ސީއެމްސީ އާ ހަވާލުކޮށްގެން 10 ހެކްޓަރުގެ ބިން ވެސް އެތަނުން އޮތީ ހިއްކާފަ އެވެ. އެކި ބަހަނާ ދައްކާ އެކަން ވެސް ހުއްޓާލިއިރު، ގުޅިފަޅު، ގިރާވަރު ފަޅުން ހިއްކަން ބުނި ބުނުމަށް ވީ ގޮތެއް ނޭނގޭތާ، އެތަންތަނުން ހިއްކާފައިވާ ބިންތަކުން ވެސް މި ސަރުކާރަށް ގޯތި ދެވޭ ވަރެއް ނުވި އެވެ. ކުރީ ސަރުކާރުން ގާތްގަނޑަކަށް ވިއްސަަކަށް ހާސް މީހުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް ކޮށި މަގުތައް ރައީސް މުއިއްޒު ސަރުކާރުން މިވަނީ ބަންދުކޮށް އޮޅުން ބޮޅުން ކޮށްފަ އެވެ.

ބޯހިޔާވަހިކަމަކީ ދިވެހި ރައްޔިތުންނަށް އެންމެ ބޭނުން ޖެހިފައިވާ ކަމަށްވީ ހިނދު އަދި ރައީސް މުއިއްޒު ކުރީ ސަރުކާރަށް ވުރެ މޮޅަށް ރައްޔިތުންނަށް ފައިދާވާނެ ގޮތަށް ދައުރުގެ ފުރަތަމަ ކޮޅުގަ ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫއުތަކެއް ފައްޓަވާނެ ކަމަށް ވިދާޅުވެފައި އޮތުމާއި، ދީފައި އޮތް ފްލެޓް އަތުނުލާނެ ކަމަށާއި، އެމީހަކު ބުނި ޑިޒައިނަކަށް އަދި ބުނި އުސްމިނަކަށް ދީފައިވާ ގޯތިތަކުގައި ގެ އަޅައިދޭނެކަމުގެ ވީ ވައުދު ފުއްދާނެ ކަމުގެ އުއްމީދުގައި ތިބި މީހުންނަށް ހަގީގަތުގައި ތަޖުރިބާ ކުރަން ޖެހުނީ ނަފްސާނީ، މާލީި، އަދި ގާނޫނީ މައްސަލަތަކެވެ.