ރައްޔިތުންގެ މަޖިލީހުން ބައެއް ވަޒީރުންނަށް ރުހުން ނުދިނީ ބޭރުގެ "ކޮންމެވެސް ބަޔަކު" އިދިކޮޅު ފަރާތްތަކަށް މަޖުބޫރުކޮށްގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ތުހުމަތު ކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުން ވަނީ ތިން ވަޒީރަކަށް ރުހުން ނުދޭން ފާސްކޮށްފަ އެވެ. އެ ތިން ވަޒީރުންނަކީ ބަންޑާރަ ނައިބު އަހުމަދު އުޝާމާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރެވެ. އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލިހުން އެ ބޭފުޅުންނަށް ރުހުން ނުދިން ނަމަވެސް ރައީސް ޑރ. މުއިއްޒު ވަނީ އެ ބޭފުޅުން އަލުން މަގާމަށް އައްޔަން ކުރައްވައިފަ އެވެ. އަދި ރުހުން ހޯދުމަށްޓަކައި ދެވަނަ ފަހަރަށް މަޖިލިހަށް ފޮނުވާފައިވެ އެވެ.

ބޮޑުތިލަދުންމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހދ. ނޮޅިވަރަންފަރު ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ "ބޭރުގެ ކޮންމެވެސް ބަޔަކު" މަޖިލިހުގެ މެމްބަރުންގެ މައްޗަށް ބާރު ހިންގައި ވަޒީރުންނަށް ރުހުން ނުދޭން މަޖުބޫރުކުރި ކަމަށެެވެ.

"އަޅުގަނޑުމެންނަށް ވެސް މައުލޫމާތު ލިބޭ އެ ބޭފުޅުންގެ މައްޗަށް ވެސް ބާރު ހިންގާ ބޭރުގެ ކޮންމެވެސް ބަޔަކު ކަމަށް ބޮޑަށް ގަބޫލުކުރެވޭ ފަރާތަކުން އަމުރުކުރާ ގޮތަކަށް ހަމަ މަޖުބޫރުން ކޮންމެވެސް ތިން ހަތަރު ވަޒީރަކަށް ރުހުން ނުދޭން، (ނިންމީ). ރައީސް ވިދާޅުވި އެވެ.

ވަކި ގައުމެއްގެ ނުވަތަ ބައެއްގެ ނަން ރައީސް ވިދާޅު ނުވި ނަމަވެސް ބެލެވޭ ގޮތުގައި ރައީސް އެ އިޝާރާތް ކުރެއްވީ އިންޑިއާއަށެވެ. އިންޑިއާ އާއި ރާއްޖެއާ ދެމެދު އުފެދިފައި އޮތް ގުޅުން މިިހާރު މާ ރަނގަޅެއް ނޫނެވެ.

"އަޅުގަނޑުމެންގެ މެމްބަރުން ކައިރީ ވެސް ބުނަމުން ދިޔައީ ތިޔަ އެންމެންނަކަށް ނުޖެހެއޭ ރުހުން ދޭން. ތިމަންނަމެން ކޮންމެހެނުން ވެސް ޖެހެއޭ ދެ ތިން މީހުން ދުއްވާލަން. ހަމަ މި ލޭންގުއެޖް ބޭނުންކުރީ އެ ބޭފުޅުން." ރައީސް ވިދާޅުވި އެވެ.