ހދ. މަކުނުދޫ އެއާޕޯޓުގެ ފަސޭހަކަން މި އަހަރު ލިބެން ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މަކުނުދޫ އެއާޕޯޓުގެ މަސައްކަތް ނިމި، ދަތުރު ކުރަން ފެށޭނީ ކޮން އިރަކުންތޯ އޮޅުން ފިލުވުމަށް އެ ރަށުގެ އަންހެނަކު "ރައީސްގެ ޖަވާބު" ސެގްމަންޓްގައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ މަކުނުދޫއަކީ އެކަހެރިކޮށް އޮންނަ ރަށެއް ކަމަށާއި އެހެން ރަށްތަކާ ހިލާފަށް ދަތުރުފަތުރު ވެސް ދަތި ރަށެއް ކަމަށެވެ.

އެހެންވެ، މިހާރު ފެށިފައި އޮތް އެއާޕޯޓުގެ މަސައްކަތަކީ ވަރަށް އިސްކަމެއް ދޭނެ މަސައްކަތެއް ކަމުގައި ރައީސް ވިދާޅުވި އެވެ.

އަދި އެ މަޝްރޫއު ކުރިއަށް ގެންދާނީ ރައްޔިތުން އެދޭ ގޮތަށް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މީގެކުރިން 1،500 މީޓަރަށް ހަދަން އޮތް ރަންވޭ 1،800 މީޓަރަށް ދިގުކޮށްދޭނެ ކަމަށެވެ. އެއާ އެކީގައި އިތުރު ކުރިއެރުން ވެސް ލިބިގެންދާނެ ކަމުގައި ރައީސް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ މި އަހަރު ނިމެންވާ އިރަށް އަޅުގަނޑުމެން މި ބަލަނީ އެއާޕޯޓު ހުޅުވޭތޯ. އެހެންވީމަ އިރާދަކުރެއްވިއްޔާ މި އަހަރު އޭގެ ފަސޭހަކަން ލިބެން ފަށާނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަން،" ރައީސް ވިދާޅުވި އެވެ.