ކޮވިޑް ތެރޭ ރާއްޖެއަށް ވެންޓިލޭޓަރު ގަންނަން ހަވާލުކުރި ދުބާއީގެ އެގްޒެކިއުޓާސް ކުންފުނިން ވެންޓިލޭޓަރުތައް ރާއްޖެއަށް ފޯރުކޮށްދީފައި ނުވާތީ 2.2 މިލިއަން ޑޮލަރު (34.6 މިލިއަން ރުފިޔާ) އަށް ވުރެ ބޮޑު އަދަދެއް ދިވެހި ސަރުކާރަށް ދެއްކުމަށް އެ ކުންފުނީގެ މައްޗަށް އާބިޓްރޭޝަނުން އަންގައިފި އެވެ.
ކޮވިޑް ބަލީގައި ހާލު ސީރިއަސްވާ މީހުންނަށް ފަރުވާދިނުމަށް ރާއްޖެއަށް 75 ވެންޓިލޭޓަރު ގަންނަން އެ ކުންފުންޏާ ހަވާލުކުރީ އެޕްރީލް 2020ގަ އެވެ. އެ އެއްބަސްވުމުގެ ދަށުން ސަރުކާރުން ވަނީ އެ ކުންފުންޏަށް 30 މިލިއަން ރުފިޔާ ދައްކައިފަ އެވެ. އެކަމަކު އެ ކުންފުނިން އެއްބަސްވުމާއެއްގޮތަށް ވެންޓިލޭޓަރުތައް ފޯރުކޮށްދީފައެއްނުވެ އެވެ.
އެހެންވެ، ސަރުކާރަށް ގެއްލުނު ފައިސާ އާއި ގެއްލުމުގެ ބަދަލު ހޯދަން ރާއްޖޭގެ އާބިޓްރޭޝަން ސެންޓަަރަށް ސަރުކާރުން އެ ކުންފުންޏާ ދެކޮޅަށް މައްސަލަ ހުށަހެޅީ 16 ފެބުރުއަރީ 2023ގަ އެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެ މައްސަލައިގައި މިދިޔަ ބުދަ ދުވަހު އާބިޓްރޭޝަންގެ ރޫލިން ނެރެފައިވާ ކަމަށެވެ.
އާބިޓްރޭޝަނުން ނިންމީ ރާއްޖެއަށް ފޯރުކޮށްދީފައި ނުވާ ވެންޓިލޭޓަރުތަކުގެ އަގަށްވާ 1.8 މިލިއަން ޑޮލަރު (29.1 މިލިއަން ރުފިޔާ) އެގްޒިކިއުޓާޒް އިން ސަރުކާރަށް ދެއްކުމަށެވެ.
މެއި 2021ގެ ފެށިގެން އެ ފައިސާ ދެއްކުމާ ހަމައަށް ކޮންމެ އަހަރަކަށް %2ގެ އިންޓަރެސްޓަށްވާ ފައިސާ ދައްކަން ވެސް އާބިޓްރޭޝަނުން އެންގި އެވެ. އަދި ގެއްލުމުގެ ބަދަލުގެ ގޮތުގައި 223،750 ޑޮލަރު (3.4 މިލިއަން ރުފިޔާ) ސަރުކާރަށް ދެއްކުމަށާއި ފައިސާ ނުދައްކާ ހޭދަވާ ކޮންމެ އަހަރަކަށް އިންޓަރެސްޓަށް %2 އަރާނެ ކަމަށް ވެސް އާބިޓްރޭޝަންގެ ނިންމުމުގައިވެ އެވެ.
އެ ކުންފުނިން އާބިޓްރޭޝަންގެ އެއްވެސް އަޑުއެހުމަކަށް ހާޒިރުވެފައި ނުވާތީ އާބިޓްރޭޝަން ފީގެ ގޮތުގައި ސަރުކާރުން ދެއްކި ޖުމްލަ އަދަދު ކަމަށްވާ 132،865 ޑޮލަރު ދެއްކުމަށް ވެސް ވަނީ އަންގާފަ އެވެ. އަދި އެ ފައިސާ ނުދައްކާ ހޭދަވާ ކޮންމެ އަހަރަކަށް %2 ގެ އިންޓްރެސްޓް އަރާނެ ކަމަށް ވެސް އެ ނިންމުމުގައިވެ އެވެ.