ކައުންސިލްތަކަށް ލިބިދޭ ބާރުތައް ހަނިކުރާ އިސްލާހުގެ ބިލު ތަސްދީގުނުކުރަން 80 އަށްވުރެ ގިނަ ކައުންސިލްތަކުން އެދިފައިވަނިކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒު، ލާމަރުކަޒީ ގާނޫނުގެ އިސްލާހު މިރޭ ތަސްދީގުކުރައްވައިފިއެވެ.

ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހާ ދޭތެރޭ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، ރައްޔިތުންގެ މަޖިލީހުން އެ އިސްލާހު ފާސްކުރީ މިދިޔަ ހަފުތާގެ ބުދަ ދުވަހު ބޭއްވި ޖަލްސާގައެވެ.

އެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 52 މެންބަރުންގެ ތެރެއިން 45 މެންބަރުން ބިލަށް ތާއީދުކުރި އެވެ. އެ ބިލާ ދެކޮޅަށް ވޯޓު ދެއްވީ އެންމެ ހަތް މެންބަރުންނެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުގައި ވަނީ، ކައުންސިލްތަކަށް މުވައްޒަފުން ނެގުމާއި، ކައުންސިލްތަކުގެ އިހްތިސޯސުގައިވާ ފަޅާއި، ބިން ފަދަ ތަންތަން ކުއްޔަށް ދޫކުރުމުގެ އިތުުރުން ތަރައްގީގެ ޕްރޮޖެކްޓުތައް ހިންގުމުގައި ކައުންސިލްތަކަށް ލިބިދީފައިވާ ބާރު ހަނިވާ ގޮތަށް އިސްލާހު ހިމަނައިފައެވެ.

އިސްލާހުގައިވާ ގޮތުން ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތެއް ފޯރުކޮށްދިނުމުގެ ބޭނުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބިމުން ނުވަތަ އިމާރާތުން ކުއްޔެއް ނުނެގޭނެއެވެ.

އަދި ކައުންސިލްތަކަށް އާމްދަނީ ދޫކުރަން ވާނީ އެއްވެސް ގާނޫނެއްގެ ދަށުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ޓެކުހެއް ވާނަމަ އެ ޓެކުހަކަށްވާ ފައިސާއާއި، އާންމު ޚިދުމަތަކަށް ކައުންސިލްތަކުން ދައްކަންޖެހޭ ފައިސާއެއް ނުދައްކާތާ ހަ މަހަށްވުރެ ގިނަ ދުވަސްވެފައިވާނަމަ، އެ ފައިސާއެއް އުނިކުރުމަށްފަހު ބާކީވާ އަދަދެކެވެ.

މީގެ އިތުރުން އެ އިސްލާހުގައި ބުނެފައިވަނީ ކައުންސިލްތަކުން ހުޅުވާފައިވާ ބޭންކު އެކައުންޓުތައް ބަލަހައްޓަންވާނީ ފިނޭންސް މިނިސްޓްރީން ކަނޑައަޅާ އުސޫލާ އެއްގޮތަށް ކަމަށާއި، އެ އެކައުންޓުތަކުގެ ސްޓޭޓްމަންޓެއް ހޯދުމަށް އެ މިނިސްޓްރީން އެދިއްޖެ ހާލަތުގައި އެ މައުލޫމާތު ފޯރުކޮށްދޭންޖެހޭނެ ކަމަށެވެ.

މީގެ އިތުރުން އިސްލާހުގައި ވަނީ ލޯކަލް ކައުންސިލްތަކުގެ އުމުރު ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހަމަވުމާ ދެމެދު އަހަރު ދުވަހެއް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްނަމަ، ފިނޭންސް މިނިސްޓްރީ އާއި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ކަނޑައަޅާ އުސޫލުގެ ދަށުން މެނުވީ ބައެއް ކަންކަން ނުކުރުމަށެވެ.

އޭގެ ތެރޭގައި ކައުންސިލް އިދާރާއަށް މުވައްޒަފުންގެ ގޮތުގައި ނުވަތަ ކޮންޓްރެކްޓް އުސޫލުން މުވައްޒަފުން ނެގުންކައުންސިލްގެ އިހުތިސޯސްގެ ދަށުގައި ހުރި ބިމާއި، ފަޅާއި، ފަރުގެ ސަރަހައްދުތައް ކުއްޔަށް ދޫކުރުމާއި ދިނުންކައުންސިލްތަކަށް އެކަށައަޅާފައިވާ ތަރައްގީގެ ޕްލޭންތަކުގައި ކަނޑައަޅާފައިނުވާ އާ ތަރައްގީގެ މަޝްރޫއުތައް ފެށުން ހިމެނެއެވެ.

ގިނަ ކައުންސިލްތަކުން މި އިސްލާހުތަކާއި ދެކޮޅަށް ބަޔާންތައް ނެރެ ނުރުހުން ފާޅުކުރި ނަމަވެސް ރައީސް ވިދާޅުވީ ގިނަ ކައުންސިލްތަކުން އެ ކައުންސިލްތަކުގެ އެކައުންޓްތަކުގައި ހުންނަ ފައިސާ ބޭނުން ކުރަނީ ނަހަމަ ގޮތުގައެވެ.

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވެފައި ވަނީ އިންތިޚާބުތަކާ ކައިރިކޮށް ފައިސާތަކެއް ޚަރަދުކޮށް ބައެއް ކައުންސިލްތަކުން ރަށުގެ ތަރައްގީގައި ނެތް މަޝްރޫއުތަކެއް ސިޔާސީ ބޭނުމުގައި އެ ފައިސާ ބޭނުން ކުރާ ކަމަށެވެ.